ހަބަރު

ބާރުތަކެއް ސަރުކާރަށް ނަގައިގެން ވިޔަސް ރައްޔިތުންނަށް ހިދުމަތް ދޭނަން: އޭޖީ

Jun 17, 2015

ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ކައުންސިލްތަކުން ދަތި ކުރާނަމަ، ގާނޫނުތައް ބަދަލު ގެނެސް ސަރުކާރަށް ބާރުތަކެއް ނަގައިގެން ވެސް ރައްޔިތުންނަށް ހިތުމަތް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ބަންޑާރަ ނައިބު، މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ލޯކަލް މާރުކޭޓް މަރާމާތުކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި، އަނިލް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުން ކަމަށެވެ. ނަމަވެސް މިވީ ދެތިން އަހަރުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަށް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް އެއްވެސް ކަމެއް ނުކުރެވުނު ކަމަށް އަނިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގައި ވެސް، ސިޓީ ކައުންސިލަށް އެ ޕާޓީގެ މެޖޯރިޓީ އޮތް އިރު، ރައްޔިތުންނަށް ކަމެއް ނުކޮށްދެވުނެެވެ. އެހެން ނަމަވެސް ދައުލަތުގެ ބައެއް ބިންތައް ނާޖާއިޒު ގޮތުގައި އެކި ފަރާތްތަކަށް ކުއްޔަށްދީ ހެދި ކަމަށް އަނިލް ވިދާޅުވި އެވެ.

"އެބޭފުޅުން ކުރަން ބޭނުން ކަމެއް އެބަ ކުރޭ. މި ގައުމުގެ ކޮން ތަނެއްގައިތޯ އެންމެ ފުރިހަމައަށް ބަޖެޓް އޮތީ. ވަސީލަތްތައް ހުރީ. އެބޭފުޅުން އެކަން ބަހަނާއަކަށް ހަދާފައި ރައްޔިތުންނަށް ހިދުމަތް ދޭން ކަމެއް ނުކުރައްވާ. އެހެންވެ އަޅުގަނޑުމެންނަށް މަޖުބޫރުވީ ރައްޔިތުންނަށް ހިދުމަތް ދޭން ގާނޫނުގެ ތެރެއިން ބާރުތަކެއް ސަރުކާރަށް ނަގަން. ކިތަންމެ ވަރަށް ފާޑުކިޔަސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެކަން ކުރަން ޖެހުނީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރީ،" އަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޓީ ކައުންސިލްތަކުން ހިދުމަތް ނުދިނުމުން ގާނޫނަށް ބަދަލު ގެނެސް ބާރުތަކެއް ނެގުމާ ދެކޮޅަށް ވާހަކަ ދެއްކިއަސް ރައްޔިތުންނަށް ހިދުމަތް ދޭން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ އެވެ. އޭނާ ވިދާޅުވީ ސިޓީ ކައުންސިލްގެ ބައެއް ބާރުތައް ނަގައި، ބިންތައް ވެސް ސަރުކާރަށް ނެގުމުން އޭގެ ހެޔޮ ފައިދާ މިހާރު އަންނަނީ ކުރަމުންނެވެ. މާލެ ފެންބޮޑުވުމުގެ މައްސަލަ އާއި މާލެ ގޮނޑުވެފައި އޮތުން އަދި ލޯކަލް މާރުކޭޓްގެ މައްސަލައަށް ވެސް މިހާރު ވަރަށް ބޮޑަށް ހައްލު ހޯދިފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.

"ކައުންސިލްގެ އިހުލާސްތެރިކަމެއް ނެތީމައި މިކަންކަން ނުކުރެވި މި ހުރީ. ބަޖެޓް ހުރެމެ މުވައްޒަފުން ވެސް ތިބެމެ އެބޭފުޅުން އެކަން ނުުކުރައްވާ މި އޮތީ. މިހާރު މިފެންނަނީ އެ ކަންތައްތައް ކުރެވޭތަން،" އަނިލް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ދޭން ޖެހޭ ހިދުމަތްތައް ރައީސް ކަނޑައަޅުއްވާ ގޮތަށް ހުށަހެޅި އިސްލާހު މިއަދު ފާސްވުމާ ގުޅިގެން އަނިލް ވިދާޅުވީ އެ ބަދަލު ގެންނަން ޖެހުނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެއީ ކުރަން ޖެހޭ ކަމަކަށް ވެގެން ކަމަށެވެ. އަދި އެ އިސްލާހުގެ ނާޖާއިޒު ފައިދާ މި ސަރުކާރުން ނުނަގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތަށް ހުރަސް އެޅި ގައުމު ތަރައްގީ ކުރުމަށް ހުއްޓުން އައުމަށް މި ސަރުކާރުން ދުލެއް ނުކުރާނެ އެވެ.

"ގާނޫނުތަކަށް އޮންނަ އުސޫލުގެ ތެރެއިން ބަދަލު ގެނެސްގެން ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ. މި ސަރުކާރު އައީ ރައްޔިތުންނަށް ހިދުމަތް ކޮށްދެން،" އަނިލް ވިދާޅުވި އެވެ.