އޭއެފްސީ

އޭއެފްސީއިން ޖާގަ ނުލިބުން ސަބަބު ހޯދަން ޔޫތު މިނިސްޓަރު ތެދުވެއްޖެ

އަންނަ އަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކުލަބުތަކަށް ޖާގަ ގެއްލުނު ސަބަބު ދެނެގަންނަން ޔޫތު، ސްޕޯޓްސް އަދި ސޯޝަލް އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހްލޫފްގެ އިސްނެންގެވުމުގެ މަތިން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ފުޓްބޯޅައަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ކުޅިވަރެއް ކަމުގައި ވާތީ، ރާއްޖޭގެ ކުލަބުތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ފުރުސަތު ގެއްލުނު ސަބަބު ބަލާ އިސްލާހު ކުރަން ޖެހޭ ކަންކަން ކުރުމަށްޓަކައި ހާއްސަ ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަންވެސް ކުރިން ކުރެއްވި މަހްލޫފް ވިދާޅުވީ، އެ ކޮމީޓީގެ މަސައްކަތް ދާނީ އެފްއޭއެމް އާއި ކުލަބުތަކުގެ ބައިވެރިވުމާ އެކުގައި ކަމަށެވެ.

ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ގެއްލުނީ، އޭއެފްސީ ކަޕުގެ ކުލަބު ލައިސެންސަށް އެދި ރާއްޖެއިން ހުށަހަޅާފައި ނުވުމުންނެވެ. އެފްއޭއެމުން ބުނީ، ރާއްޖެއަށް ޖާގަ ގެއްލުނީ ކުލަބު ލައިސެންސަށް އެދި ކުލަބު ތަކުން ހުށަހަޅަން ޖެހޭ ޑޮކިޔުމެންޓްސް އެންމެ ފުރިހަމައަށް ހުށަހަޅާފައި ނުވުމުން ކަމަށެވެ.

މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު ވިދާޅުވީ، ކުލަބު ލައިސެންސަށް އެދި މާޒިޔާއިން ހުށަހަޅާފައި ވާނެ ކަމަށާއި މާޒިޔާގެ ޑޮކިޔުމެންޓްސްތައް ފުރިހަމަ ނުވާންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ކުލަބު ލައިސެންސަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ، މިދިޔަ މަހު 31 ވަނަ ދުވަހެވެ. ކުލަބު ލައިސެންސަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި އެފްއޭއެމުން ހުށަހާޅާފައިވާތީ، އެކަމަށް އިތުރު ތިން ދުވަހުގެ މުއްދަތެއް ދިންކަން ބަޔާން ކޮށް އޭއެފްސީން އެފްއޭއެމްއަށް ފޮނުވާފައިވާ ސިޓީއެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރު ވިއެވެ. މިދިޔަ ހޯމަދުވަހު އޭއެފްސީން ފޮނުވި އެ ސިޓީގައިވާ ގޮތުގެ މަތިން އިތުރު ކޮށްދިން ތިން ދުވަހުގެ މުއްދަތުވެސް ވަނީ ނިމިގެން ގޮސްފަ އެވެ.

މިނިސްޓަރު މަހްލޫފް އެކަމަށް މި މަސައްކަތް ފެށީ، ކުލަބުތަކަށް ފުރުސަތު ގެއްލުމުން އެކަމުގައި މިނިސްޓަރުގެ ހައިސިއްޔަތުން މަހްލޫފްގެ ދައުރު އަދާ ކުރަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ގޮވާލާފައި ވަނިކޮށެވެ. މަހްލޫފް ވަނީ ކުލަބު ވެލެންސިއާ އަށް ފުޓްބޯޅަ ކުޅުއްވާފަ އެވެ.

އޭއެފްސީގެ ފޯމެޓަށް 2016 ގައި ގެނައި ބަދަލާ ގުޅިގެން، ރާއްޖޭގެ ލީގް ޗެމްޕިއަން ޓީމަށް ސީދާ ލިބެމުން އައި ޖާގަ އަންނަ އަހަރަށް ދީފައި ވަނީ ނޭޕާލްގެ ލީގް ޗެމްޕިއަން ޓީމަށެވެ. މީގެ 33 އަހަރު ކުރިން ރާއްޖޭގެ ކުލަބުތައް އޭއެފްސީގެ ކުލަބު މުބާރާތްތަކުގައި ވާދަ ކުރަން ފެށިފަހުން މިއީ ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ނުލިބުނު ފުރަތަމަ ފަހަރެވެ.