ހަބަރު

ދީނީ ކަންކަން ރަނގަޅު ކުރާނީ އިލްމްްވެރިންގެ އިރުޝާދާއެކު: މިނިސްޓަރު

އިސްލާމިކް މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ދީނީ އިލްމުވެރިންގެ ލަފާއާ އިރުޝާދާއެކު ރާއްޖޭގެ ދީނީ ކަންކަން ރަގަޅުކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރޭ ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރައްވާފަ އެވެ. އިސްލާމީ މަރުކަޒު ހޯލްގައި ބޭއްވި އެބައްދަލުވުމުގައި މިނިސްޓްރީގެ ޕާމަންނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އާއި މިނިސްޓްރީގެ އިސްވެރިންނާއި ރާއްޖެގައި މިވަގުތު ތިއްބެވި ގިނަ އަދަދެއްގެ އިލްމުވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ދީނީ އިލްމުވެރިންގެ ލަފާއާ އިރުޝާދާއެކު ރާއްޖޭގެ ދީނީ ކަންކަން ރަގަޅުކުރު ކަމަށާއި އިސްލާމިކް މިނިސްޓްރީ އަބަދުވެސް ވާނީ އިލްމްވެރިންނާއެކުގައި ކަމަށެވެ. އަދ އިލްމްވެރިންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރިވެދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވަނީ އިލްމްވެރިންގެ ހިޔާލު ފާޅުކުރައްވާފަ އެވެ.

މިއީ އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން މިނިސްޓަރު އިލްމްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އިސްލާމިކް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު ވަނީ މިނިސްޓްރީ އާއި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ މުއައްސަސާތަކުގެ މުއައްޒަފުންނާވެސް ބައްދަލުކުރައްވާފަ އެވެ.