ދުނިޔެ

އިނގިރޭސިން ވަކިވުމުގެ އެއްބަސްވުމަށް އީޔޫއިން ތާއީދުކޮށްފި

ބްރަސަލްސް (ނޮވެމްބަރު 25) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް އެކުލަވާލި އެއްބަސްވުމަށް އީޔޫ ގައުމުތަކުން ދާދީ ދެންމެއަކު ތާއީދުކޮށްފި އެވެ.

ބްރަސަލްސްގައި މިހާރު ކުރިއަށްދާ ސަމިޓުގައި، އެއް ގަޑިއިރުގެ މަޝްވަރާތަކަށްފަހު، އީޔޫގައި ހިމެނޭ 27 ގައުމަކުން އެ އެއްބަސްވުމަށް ތާއީދުކޮށްފައިވާކަމަށް ޔޫރަޕިއަން ކައުންސިލް ރައީސް ޑޮނަލްޑް ޓަސްކް ދާދި ދެންމެއަކު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ޔޫރަޕިއަން ޔޫނިއަނުން ވަކިވާން ފެންނަ ކަމަށް އިނގިރޭސިން ވޯޓްދީފައި ވަނީ 2016 ވަނަ އަހަރެވެ. އެކަމުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށް، އެގައުމު އީޔޫއިން ރަސްމީކޮށް ވަކިވާނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

އެ އެއްބަސްވުމުގެ އިތުރުން، މުސްތަގުބަލުގައި އީޔޫ އަދި އިނގިރޭސިވިލާތުގެ ސިޔާސީ ގުޅުމަށް އެކުލަވާލި ކަރުދާހަށްވެސް އީޔޫ ގައުމުތަކުގެ ލީޑަރުން ވަނީ މިއަދު ތާއީދުކޮށްފަ އެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ އިސްވެ ހުށަހެޅުއްވި އެއްބަސްވުމަށް އީޔޫއިން ތާއީދުކުރި ނަމަވެސް، އެ އެއްބަސްވުމަށް އަމަލު ކުރެވޭނީ އިނގިރޭސި ޕާލިމަންޓުން ފާސްވުމުންނެވެ. އެކަމަށް މޭ އަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މޭ ހުށަހަޅުއްވާފައި އެއްބަސްވުމުގައި ގަބޫލުކުރަން ދަތި ކަންތައްތަކެއް ހުރި ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލުތަފާތުވެފައިވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭގޮތުން ނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމުނުކުރުމަށް ހިމަނާފައިވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.