ހަބަރު

ޑިމޮކްރަސީގެ ހަޔާތުގައި އައި އިންގިލާބީ ބަދަލުތަކުގެ ފަހަތުގައި ހުރީ ގާސިމް: އަލީ ހުސައިން

ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ދިމާވި ކޮންމެ އިންގިލާބީ ބަދަލެއްގެ ފަހަތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު ޖުމްހޫރީޕާޓީއާއި ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ބެޓާ ޑިމޮކްރަސީގެ ނަމުގައި ސިޔާސީ ހަރަކާތެއް ގާސިމް ފަހަތްޕުޅުގައި ހުންނަވައިގެން ސިޔާސީ ޕާޓީތަށް ހެދުމުގެ ކުރިން ކުރެއްވި ކަމަށާއި، އެމްޑީޕީ އުފެދުމުގައިވެސް ގާސިމްގެ މިންނެތް މަސައްކަތް ވާކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ދިމާވި ކޮންމެ އިންގިލާބީ ބަދަލެއްގެ ފަހަތުގައި ހުންނެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ގަބޫލު ކުރަން ބޭނުންވި ނަމަވެސް، އަދި ބޭނުންނުވި ނަމަވެސް 2008 ވަނަ އަހަރާއި 2013 ވަަަނަ އަހަރުގައިވެސް ވެރިކަން ލިބުނު ބަޔަކަށް ލިބިފައިވަނީ ޖުމްހޫރީޕާޓީއާއި އެކު ކަމަށެވެ. އަނިޔާވެރި ސަރުކާރެއް ބަދަލު ކުރުމަށްޓަކައި ޖޭޕީގެ މެމްބަރުން ކުރި މަސައްކަތުގެ ވާހަކަ އިންސާފަށް ލޯބި ކުރާނެ ކޮންމެ މީހަކުވެސް ދައްކާނެ ކަމަށެވެ.

ވެރިކަން ބަދަލުވުމުގައި ޖޭޕީގެ ލީޑަރާއި، ޖޭޕީގެ މެމްބަރުންވި ގުރުބާނީ ވަަރަށްވެސް ބޮޑު ކަމަށާއި، މިރޭ ޖޭޕީއާއި ގުޅިވަޑައިގެންނެވި 2 މެމްބަރުންވެސް ގުޅި ވަޑައިގަތީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދެމެހެއްޓުމަށްޓަައި ކަަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މިފަހަރު ދިވެހި ރައްޔިތުންލީ ވޯޓަކީ ވަކި ޕާޓީއަކަށް ވަކި މީހަކަށް ލީ ވޯޓެއް ނޫން ކަމަށާއި، އެއީ ގައުމީ ވޯޓެއް ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ.