ހަބަރު

ވެރިކަމަށް އައުމަށް ފުރުސަތު ލިބުނަސް، ބަލާނީ މި ސަރުކާރު ދަމަަހައްޓަން: ގާސިމް

ވެރިކަމަށް ވަޑައިގަތުމަށް ފުރުސަތު ލިބުނަސް ބައްލަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު މި ފަސް އަހަރު ދަމަހައްޓަން ކަމަށާއި އެއީ ވައުދެއް ކަމަށް ސަރުކާރު ގެނައުމަށް އިއްތިހާދުވި ލީޑަރުންގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއާ އިލްމުވެރިންތަކެއް ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ހަމަވުމުގެ ކުރިން ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ގާސިމް ވިދާޅުވީ، ކޯލިޝަނާއި، ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައަކަތެއް ޖުމްހޫރީ ޕާޓީއާއި، އޭނާ ވެސް ކުރައްވާނެ ކަމަށެވެ.

"ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ފުރުސަތު އަޅުގަނޑަށް ކުރިމަތިލައިގެން، އެކަން ކުރަން ފުރުސަތު ލިބުނު ކަމުގައިވިޔަސް، އެކަން އަޅުގަނޑު އިސް ނުކުރާނަމޭ، އެކަން އަޅުގަނޑު ބާއްވާނީ ސެކަންޑް ނޫނީ ތާޑް ކެޓެގަރީގައޭ. އަޅުގަނޑު ބަލާނީ އަޅުގަނޑުމެންގެ މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓާ ނެގެހެއްޓުމުގައި ގާނޫނީ ގޮތުން އަޅުގަނޑުމެން ކުރަން ޖެހުނު ހުރިހާ ކަމެއް، ޕާޓީންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަފުސުން އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް ދަމަހައްޓާނެ ވާހަކަ ދަަންނަވާލަން" ގާސިމް ވިދާޅުވި އެވެ.

މިރޭ ޖޭޕީއަށް ސޮއި ކުރި ބޭފުޅުންނަކީ ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ނައިބް މިނިސްޓަރަކަށް ހުންނެވި، ޑރ. މުހައްމަދު ގުބާދު އަބޫބުކުރާއި މީޑިއާ ކައުންސިލުގެ ކުރީގެ މެންބަރު އަބްދުއްލަތީފް އަހުމަދާއި އައްޝައިހް އަލީ ނަޖީބުގެ އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ކޯޑިނޭޓަރު މުހައްމަދު ނައީމްއެވެ.