ދުނިޔެ

ތިން ގަޑިއިރު ފިޔަވައި ދުވާލު އެއްކޮށް ރޯދަ އަށް ހުރެވޭނެތަ؟

Jun 18, 2015

ބަރަކާތްތެރި ރަމަޟާން މަސް ކޮންމެ އަހަރަކު ވެސް ބައްދަލުކުރާއިރު، އަހަރުމެން ދިވެހިން ރޯދަ އަށް ތިބެންޖެހޭ ވަގުތާ މެދު މާ ބޮޑަށް އަޅާލާކަށް ނުޖެހެ އެވެ. ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް އެއްވަރަކަށް އަހަރުމެންނަށް އެ ވަގުތު އުޅުނު ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް އެއީ ބަހުސެކެެވެ. އިރު ވަށާ ދުނިޔެ ދައުރު ދައުރުކުރާ ގޮތަކުން ބައެއް މީހުން ރޯދަ ހިފަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުރުވެގެން ދާއިރު، "ތަކުލީފަކަށް" ވާ ވަރުގެ ދިގު ރޯދަ ބައެއް ފަހަރު ފަހަރު ހިފަންޖެހޭ މީހުން ވެސް އުޅެ އެވެ.މި އަހަރު އެކަން އޮތީ ކިހިނެއް ހެއްޔެވެ؟

މި ފަހަކަށް އައިސް ޑެންމާކުގެ ވާހަކަ އަހަރުމެންނާ ހަމައަށް އާއްމުކޮށް އަންނަނީ އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅު ހަރަކާތްތަކާ ގުޅިގެންނެވެ. އެ ގޮތުން، ކީރިތި ރަސޫލާ އަށް ކާޓޫން ކުރެހުމާއި އެ ފަދަ ފުރައްސާރައިގެ އަމަލުތައް ދިފާއުކުރުމުގައި ދުނިޔޭގައި އެންމެ ކުރީގައި އުޅޭ އެއް ގައުމަކީ ޑެންމާކެވެ.

މި އަހަރު އެންމެ ކުރު ރޯދައެއް ހިފަންޖެހެނީ، އެވްރެޖްކޮށް ނުވަ ގަޑިއިރާއި 30 މިނިޓް ރޯދަ އަށް ތިބެންޖެހޭ އާޖެންޓީނާގެ މުސްލިމުންނެވެ. ދެކުނު އެމެރިކާ ބައްރުގެ އެހެން ގައުމުތަކުގައި ވެސް ރޯދަ އަށް ތިބެންޖެހޭ ވަގުތު ނިސްބަތުން ވަރަށް ކުޑަ އެވެ. އެ ގޮތުން، ބްރެޒިލްގައި 11 ގަޑިއިރު، މެކްސިކޯގައި 13 ގަޑިއިރާއި 20 މިނިޓް އަދި ޗިލީގައި 12 ގަޑިއިރާއި 30 މިނިޓް ރޯދަ އަށް ތިބެންޖެހެ އެވެ.

އެމެރިކާގެ މުސްލިމުންް ރޯދަ އަށް ތިބެންޖެހެނީ އެވްރެޖުކޮށް 15-18 ގަޑިއިރާ ދެމެދުގެ ވަގުތެއްގަ އެވެ. އެ ގޮތުން، ވެރިރަށް ވޮޝިންޓަން ޑީސީގައި އުޅޭ މުސްލިމުން 16 ގަޑިއިރާއި 44 މިނިޓް ރޯދަ އަށް ތިބެންޖެހެ އެވެ. މީގެ އިތުރުން، ކެނެޑާގެ މުސްލިމުން ރޯދަ ހިިފި ކަމަށް ވާނީ 18 ގަޑިއިރާއި ނުވަ މިނިޓް ރޯދަ އަށް ތިބުމުންނެވެ.

ހަނަފަސް ސަހަރާތަކުން ވަށާލާފައިވާ މެދުއިރުމަތީގެ ގައުމުތަކުގެ މީހުންނަކީ އަބަދު ވެސް ރޯދަމަހު އެންމެ "ހާލުގައި" އުޅެންޖެހޭ މީހުންނެވެ. ފިތްކަނޑައިގެން ދާ ވަރުގެ ގަދަ ހޫނުގެ އިތުރަށް ގިނަ ގައުމުތައް ވަނީ ހަނގުރާމަތަކާއި ދާހިލީ މައްސަލަތަކުގެ ތެރެ އަށް ޣަރަގުވެފަ އެވެ.

އެ ފަދަ ސަރަހައްދަކަށް މި ރޯދަމަހު މި ވަނީ ބޮޑު ލުޔެއް ލިބިފަ އެވެ. މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގެ މުސްލިމުން ރޯދަ އަށް ތިބެންޖެހޭ ވަގުތު މި ފަހަރު ނިސްބަތުން މާ ދިގެއް ނޫނެވެ. އެ ގޮތުން، މިސްރުގެ މުސްލިމުން 16 ގަޑިއިރާއި 30 މިނިޓް ރޯދަ ހިފަންޖެހޭއިރު، ސައުދީ އަރަބިއްޔާ އާއި ފަލަސްތީނާއި ބަހްރައިން އަދި ޓިއުނީޝިއާގައި ރޯދަ އަށް ތިބެންޖެހެނީ އެވްރެޖްކޮށް 15 ގަޑިއިރު ވާންދެންނެވެ.

މީގެ އިތުުރުން، ޔަމަނުގައި 14 ގަޑިއިރާއި 50 މިނިޓް އަދި ގަތަރުގައި 14 ގަޑިއިރާއި 40 މިނިޓް ވަންދެން ރޯދަ ހިފަންޖެހެ އެވެ. އަދި އެންމެ ހަމަނުޖެހުން ބޮޑު އިރާގާއި ސީރިއާ އާއި ލީބިއާ އާއި ސޫދާނާއި މޮރޮކޯ އާއި އަލްޖީރިއާގެ އިތުރުން ކުވޭތާއި އުރުދުންގެ މުސްލިމުން ރޯދަ އަށް ތިބެންޖެހެނީ 14 ގަޑިއިރަށެވެ.

އޭޝިއާގެ ގިނަ ގައުމުތަކުގައި އުޅޭ މުސްލިމުންްނަށް މި ފަހަރު ވެސް މާ ބޮޑު ތަފާތެއް ފާހަގައެއް ނުކުރެވޭނެ އެވެ. އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް، މި އަހަރު ވެސް އޭޝިއާގެ މުސްލިމުން ހިފަންޖެހެނީ މެދުމިނުގެ ވަގުތުތަކަށް ދެމިގެންދާ ރޯދަތަކެކެވެ. އެ ގޮތުން، އިންޑިއާ އާއި ޕާކިސްތާންގައި އެވްރެޖްކޮށް 17 ގަޑިއިރާއި 11 މިނިޓް ރޯދަ އަށް ތިބެންޖެހެ އެވެ. އަދި ޗައިނާގެ މުސްލިމުން ރޯދަ ހިފަންޖެހެނީ ދުވާލަކު 17 ގަޑިިއިރާއި 18 މިނިޓް ވާންދެންނެވެ.

އެއާ ހިލާފަށް، އޭޝިއާގެ ހުޅަނގު ބިތުގައި އޮތް ރަޝިއާގެ މުސްލިމުން ދުވާލަކު 20 ގަޑިއިރާއި 49 މިނިޓް ރޯދަ އަށް ތިބެންޖެހެ އެވެ.