ދުނިޔެ

ޗާޑުގައި މޫނު ބުރުގާ މަނާކޮށް، ވިއްކަން ހުރި ބުރުގާތައް އަންދާލަނީ

Jun 18, 2015

ޖާނުން ފިދާވުމުގެ ދެ ހަމަލާ އަކަށް ފަހު، ޗާޑުގައި އަންހެނުން މޫނު ބުރުގާ އެޅުން މަނާކޮށް، ވިއްކަން ހުރި ބުރުގާތައް އަންދާލަން ނިންމައިފި އެވެ.

ދީނީ ލީޑަރުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމަކަށް ފަހު ޗާޑުގެ ބޮޑުވަޒީރު ޕަލްޒޫބޭ ޕަހިމީ ޑުބޭ ވިދާޅުވި ގޮތުގައި ޓެރަރިސްޓުން ދަނީ ފަރުދާއެއްގެ ގޮތުގައި މޫނު ބުރުގާ ބޭނުންކުރަމުންނެވެ. އެހެންވެ، ގޭތެރޭގައި ވިޔަސް، އާބާދީގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ބައެއް މުސްލިމުން ހިއްސާކުރާ ޗާޑުގައި ދެން މޫނު ބުރުގާ ނޭޅޭނެ ކަމަށާއި ވިއްކަން ހުރި ބުރުގާތައް ވެސް ސިފައިން ފޮނުވައިގެން އަންދާލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މޫނު ބުރުގާ މަނާ މި ކުރީ ހަމައެކަނި އާއްމު ތަންތަނަކު ނޫން. އެއްވެސް ތަނަކު ނޭޅޭނެ. ލޯ އެކަނި ފެންނަ ގޮތަށް އަޅާ ކޮންމެ ހެދުމަކީ ފަރުދާއެއް،" ބޮޑުވަޒީރު ވިދާޅުވި އެވެ.

މި ނިންމުން ނިންމާފައި ވަނީ ވެރިރަށް ނަޖީމާގައި ހުރި ފުލުހުންގެ ދެ ޗެކްޕޮއިންޓަކަށް މިދިޔަ ހޯމަދުވަހު ދިން ޖާނުން ފިދާވުމުގެ ދެ ހަމަލާ އަކާ ގުޅިގެންނެވެ. ޖުމްލަ 20 މީހުން މަރުވި އެ ހަމަލާތަކުގެ ޒިންމާ ޗާޑުގެ ސަރުކާރުން ނައިޖީރިއާގެ ހައްދު ފަހަނަޅާފައިވާ ގްރޫޕް، ބޯކޯ ހަރާމްގެ ބޮލުގައި އަޅުވާފައި ވިޔަސް، އެ ޖަމާއަތުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ބޯކޯ ހަރާމްގެ ބާރު އެންމެ ގަދަކޮށްފައިވާ ނައިޖީރިއާގެ ބޯނޯ ސްޓޭޓު އޮންނަނީ ޗާޑާ ގުޅޭ ބޯޑަރު ކައިރީގަ އެވެ. އަދި ބޯކާ ހަރާމްއާ ދެކޮޅަށް ނައިޖީރިއާގެ އަސްކަރިއްޔާ އިން ފަށާފައިވާ އޮޕަރޭޝަންގައި ޗާޑު ސިފައިން ބައިވެރިވާތީ، ޗާޑާ ދެކޮޅަށް ވެސް ބޯކޯ ހަރާމް އިން ވަނީ ހަނގުރާމަ އިއުލާންކޮށްފަ އެވެ. މީގެ އިތުރުން، ބޯކޯ ހަރާމްއާ ދެކޮޅަށް އެފްރިކާގެ ގައުމުތަކުން އެކުލަވާލަން ނިންމާފައިވާ ގުޅިފައިވާ ފައުޖުގެ މައި މަރުކަޒު ގާއިމްކުރަން ނިންމާފައި ވަނީ ވެސް ޗާޑުގަ އެވެ.