ދުނިޔެ

އީޔޫ އިން ވަކިވާ އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓްގައި ނަގާ ވޯޓު އަންނަ މަހު

Nov 27, 2018

ލަންޑަން (ނޮވެމްބަރު 26) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް އެކުލަވާލި އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުގައި ވޯޓަށް އެހުމަށް އަންނަ މަހަށް ތާވަލުކޮށްފި އެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ އިސްވެ ހުށަހެޅުއްވި އެއްބަސްވުމަށް އީޔޫ ގައުމުތަކުން ވަނީ ތާއީދުކޮށްފަ އެވެ.

އިނގިރޭސި ޕާލިމަންޓުން އާންމު ކުރި އިއުލާނެއްގައިވާ ގޮތުން، ޑިސެމްބަރު 11 ވަނަ ދުވަހު އެ އެއްބަސްވުމަށް ވޯޓަށް އަހާނީ ފަސް ދުވަހުގެ ބަހުސަކަށްފަހު އެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ އިސްވެ ހުށަހެޅުއްވި އެއްބަސްވުމަށް އީޔޫއިން ތާއީދުކުރި ނަމަވެސް، އެ އެއްބަސްވުމަށް އަމަލު ކުރެވޭނީ އިނގިރޭސި ޕާލިމަންޓުން ފާސްވުމުންނެވެ. އެކަމަށް މޭ އަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މޭ ހުށަހަޅުއްވާފައި އެއްބަސްވުމުގައި ގަބޫލުކުރަން ދަތި ކަންތައްތަކެއް ހުރި ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލުތަފާތުވެފައިވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭގޮތުން ނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމުނުކުރުމަށް ހިމަނާފައިވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.

އެ އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުގެ ތާއީދު ލިބިއްޖެނަމަ، އީޔޫއިން ވަކިވުމުގެ އެއްބަސްވުމުގެ ހާއްސަ ބިލެއް މަޖިލީހަށް ހުށަހެޅޭނެ އެވެ. އެ ބިލު ފާސްކުރުމަށްފަހު، ޔޫރަޕިއަން ޕާލިމަންޓުން ފާސްކޮށް، ޔޫރަޕިއަން ކައުންސިލުން ވެސް ތާއީދުކުރަންޖެހޭނެ އެވެ.