ދުނިޔެ

އަންލިމިޓެޑް ޑާޓާ ޕެކޭޖުތަކުގައި އިންޓަނެޓް ސްޕީޑް ސުމެއް: 100 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް!

މިއީ ރާއްޖޭގައި ވެސް މިހާރު ނިކަން ބޮޑުވެފައި އޮތް މައްސަލައެކެވެ. އިންޓަނެޓްގެ ހިދުމަތް ހޯދާ ފަރާތްތަކުން އަބަދުވެސް ކުރާ ބޮޑު ޝަކުވާއެކެވެ.

ކޮންމެއަކަސް އަންލިމިޓެޑް ޑާޓާ ޕެކޭޖުތަކެއްގައި އިންޓަނެޓްގެ ސްޕީޑް ދަށްކުރި މައްސަލައެއް ހޫނުވެ އެމެރިކާގެ ދެ ވަނަ އަށް އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި، އޭޓީ އެންޑް ޓީ އަށް މި ވަނީ ވަރުގަދަ ބޮނޑިއެއް ލިބިފަ އެވެ. އަންލިމިޓެޑް ޑާޓާ ހިދުމަތުގައި މަކަރު ހެދި ކަމަށް ސާބިތުވެ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަނުން މި ވަނީ އޭޓީ އެންޑް ޓީ އަށް 100 މިލިއަން ޑޮލަރުގެ ޖޫރިމަނާ އަކުން އަދަބު ދީފަ އެވެ. 

މި ޖޫރިމަނާއެއް އެމީހުންނަށް އައުމުގެ ކުރިން ވެސް މި ކުންފުނިން ދޭ "އަންލިމިޓެޑް" ހިދުމަތުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން އެ ހިދުމަތުގައި "އަންލިމިޓެޑްކޮށް" ލިބެނީ ކޮން ހިދުމަތެއް ތޯ ބެލުމަށް މީގެ ކުރިން ވެސް ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

މައްސަލަ ހޫނުވެގެން ގޮސްފައި ވަނީ ހިދުމަތް ހޯދާ ފަރާތްތަކަށް އޮޅޭ ގޮތަށް "އަންލިމިޓެޑް ޑާޓާ" ގެ ހިދުމަތް ޕްރޮމޯޓްކޮށް އިންޓަނެޓްގެ ސްޕީޑް ލަސްކޮށް މަކަރުހަދަމުންދާތީ އެވެ.

މި މައްސަލާގައި ކޮމިއުނިކޭޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބްރޯޑްބޭންޑްގެ ހިދުމަތް ދޭ ފަރާތްތަކުން އެ ހިދުމަތް ފޯރުކޮށް ދޭން ޖެހޭނީ ހިދުމަތް ހޯދާ މީހާ އަށް އޮޅުނާރާ ފަދަ ގޮތަކަށް ކަމަށާއި ހިދުމަތުގައި ފޮރުވިފައިވާ ހުރިހާ ކަމެއް އޮޅުންފިލުވައި ވާނުވާ ރަނގަޅަށް ކިޔައިދޭން ޖެހޭނެ ކަމަށެވެ.

އަދި މާކެޓިކްގެ މޮޅެތި އުކުޅުތަކުގައި ކަސްޓަމަރުން ޖައްސައިގެން އެމީހުންގެ އަތުން ނުހައްގުން ފައިދާ ނަގާ މަންޒަރު ބަލަން މަޑުން ނުތިބޭނެ ކަމުގެ އިންޒާރު ވެސް މި ބަޔާނުގައި ދީފައިވެ އެވެ.

މިހާ ހިސާބަށް މި ޚަބަރެއް ކިޔައި ނިމުމުން ހިތަށް އަރަނީ ކީކޭ ހެއްޔެވެ؟ މިއީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ބަޔަކާ ދެކޮޅަށް އެޅި ފިޔަވަޅެއް ނަމަ ކިހާ ރަނގަޅުވީސް ހެއްޔޭ ނޫންތޯ އެވެ؟