ދުނިޔެ

ގަރުނެއް ތެރޭ ކުރިމަތިވި އެންމެ ބޮޑު ހަނަފަސްކަމާ އުތުރު ކޮރެއާ ކުރިމަތިލާން ޖެހިއްޖެ

Jun 18, 2015

ގަރުނެއްގެ ތެރޭގައި ކުރިމަތި ނުވާހާ ބޮޑަށް ހަަނަފަސްކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށް އުތުރު ކޮރެއާ އިން އިއްޔެ ބުނެފި އެވެ.

އުތުރު ކޮރެއާގެ ގައުމީ ނޫސް އެޖެންސީން ބުނި ގޮތުގައި އެންމެ ބޮޑެތި ހަނޑޫ ދަނޑުތައް ހުރި ޕްރޮވިންސްތަކަށް ހަނަފަސްކަމުގެ އަސަރު ވަރަށް ބޮޑަށް ކުރުމުގެ ސަބަބުން 30 ޕަސެންޓް ހަނޑޫ ދަނޑުތައް ދަނީ ހަލާކުވަމުންނެވެ. އެ ގޮތުން، ހަނޑޫ އިންދާފައިވާ 441،560 ހެކްޓަރުގެ ތެރެއިން 136،200 ހެކްޓަރުގެ ބިން ހަލާކުވަމުން ދާ ކަމަށް އެ އެެޖެންސީން ބުންޏެވެ.

"ރައްކާކޮށްފައިވާ ފެނުގެ މިންވަރު މިއިން ޒަމާނަކު ނުދާ މިންވަރަށް ދަށަށް ގޮސްފައި ވާއިރު، ކޯރުތަކާއި ފެން އާރުތައް ދަނީ ހިކެމުން،" އެ އެޖެންސީން ބުންޏެވެ.

މިދިޔަ އަހަރު ވެސް އުތުރު ކޮރެއާ އަށް ވާރޭވެހުނީ ވަރަށް މަދުންނެވެ. އެއީ 30 އަހަރުގެ ތެރޭގައި އެންމެ މަދުން ވާރޭވެހުނު ފަހަރެވެ. އެހެންވެ، އެންމެ ފަގީރު އެއް ގައުމުގެ ގޮތުގައި އޮތް އުތުރު ކޮރެއާގައި ހައިހޫނުކަން ފެތުރިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އެކަމަކު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 1990ގެ ކުރީކޮޅު އުތުރު ކޮރެއާ އިން ކުރިމަތިލާން ޖެހުނު ވަރަށް މި ފަހަރު އަދި ހައިހޫނުކަމާ ކުރިމަތިލާކަށް ނުޖެހޭނެ އެވެ. އެއީ ދަނޑުވެރިކަން ކުރިއެރުުވުމަށް އެ ގައުމުން ގިނަ ފިޔަވަޅުތަކެއް މިހާރު އަޅާފައި ވާތީ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ނިއުކްލިއާ ޓެސްޓްތައްކޮށް، ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލާފައި ނުވާތީ މުޅި ދުނިޔެ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައި އެކަހެރިކޮށްފައި އޮންނަ އުތުރު ކޮރެއާގައި ދޭތެރެ ދޭތެރެއިން ހައިހޫނުކަން ކުރިމަތިވާ ކަމަށް ކާނާއާ ބެހޭ އދ.ގެ ޖަމިއްޔާ (ޔޫއެންޑަބްލިއުއެފްޕީ)ން ބުނެ އެވެ. އަދި އެ ގައުމުގެ ތިންބައިކުޅަ އެއްބައި ކުދިންނަށް ކާޑުބަލި ޖެހިފައިވާ ކަމަށް ވެސް އެ ޖަމާއަތުން ލަފާކުރެ އެވެ.

ޗައިނާ ފަދަ ބޭރުގެ ބައެއް ގައުމުތަކުން އުތުރު ކޮރެއާ އަށް ގަވާއިދުން އިންސާނީ އެހީ ފޮނުވަ އެވެ. އޭގެ ތެރޭގައި ހަތުރުންގެ ގޮތުގައި އޮތް ދެކުނު ކޮރެއާ ވެސް ހިމެނެ އެވެ. އެހެން ނަމަވެސް، އދ. އިން ވަނީ އުތުރު ކޮރެއާ އަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ބޭނުންވާ އިތުރު 111 މިލިއަން ޑޮލަރު ހޯދަން މިދިޔަ އޭޕްރީލް މަހު ވެސް އިއުލާންކޮށްފަ އެވެ.