ހަބަރު

މަރުގެ އަދަބު ނުދޭނެކަމަށް ބުނުމުން ޝޭހުން ރަތަށް

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނުމުން ގިނަ ބަޔަކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތް އުތުން މި ސަރުކާރުން ދަމަހައްޓާނެ ކަމަށެވެ. އަދި އދ. ޖެނެރަލް އެސެމްބްލީގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ރާއްޖޭން ތާއީދު ކުރާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތާއީދު ކުރައްވާ ބައެއް ދީނީ އިލްމުވެރިން ވަނީ ސަރުކާރަށް ފާޑު ކިޔަން ފަށައިފަ އެވެ. އެގޮތުން އެމަނިކުފާނަށް ކެމްޕެއިން ކޮށްދިނުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ޝޭހް އިލްޔާސް ހުސެއިން އޭނާ ފޭސްބުކް ޕޭޖުގައި ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ކަންކަމާ ދެކޮޅަށް ސަރުކާރުން ކަންކަން ނިންމުމަކީ ދީނަށް ކުރި މަލާމާތެއް ކަމަށެވެ. ކުރިން ގޯސް ކަމެއް ކުރެވިފައި އޮތުމަކީ މިއަދު އެ ނިންމުން ދަމަހައްޓަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ބަޔަކު ރުއްސުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ﷲ ގެ
ރުހިގަތުން ލިބެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"މާޒީ އިން އިބުރަތް ހާސިލު ކުރުމަށް ސަރުކާރަށް ގޮވާލަން، އިސްލާމް ދީނުގެ ޝަރީއަތްތަކަށް ގޮންޖެހި ކޮންމެ ބަޔަކު ވާނީ ނިކަމެތިވެ ގޮސްފައިވާކަން ހަނދާންކޮށްދެން، ރައްޔިތުންް މިކަމާ މެދު ފުންކޮށް ވިސްނުމަށް ގޮވާލަން ސަރުކާރުން މިކަމާ މެދު ވިސްނަވާ އެ ނިންމެވުން މުރާޖާ ކުރަން ވެސް ގޮވާލަން،" އިލްޔާސް ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަރުގެ އަދަބު ނުދެވޭނެއެކޭ ސަރުކާރަށް ނުބުނެވޭނެ ކަމަށާއި އެ ހައިސިއްޔަތެއް ސަރުކާރުގެ ނެތް ކަމަށެވެ. ޤުރުއާނުގައި ގިސާސްގެ ހުކުމް ބާއްވާލައްވާފައިވާ ކަމަށާއި އެއަށް އިންކާރެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ސަރުކަރުން ޝަރުއީ ދާއިރާ އިސްލާހު ކުރެވިދާނެ ކަމަށާއި އެއަށް ފަހު ޤުރުއާނަށް އަމަލު ކުރަން ޖެހޭނެ ކަމަށް ޒައިދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކަމަށް އިޝާރަތް ކުރައްވާ ވިދާޅުވީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އެންމެހާ ހުކުމްތަކަކީ ސަމާހަތްތެރި ހިކުމަތްތެރި މަތިވެރި ހުކުމްތަކެއް ކަމަށެވެ. ދުނިޔޭގެ ފަލާހާއި ކާމިޔާބު އޮތީ އެގޮތުގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މުސްލިމުންގެ ވާޖިބަކަށް ވާން ވާނީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި ދީނުގެ ހުކުމްތައް މަތިވެރި ކުރުން،" މަޝްހޫރު ދީނީ އިލްމުވެރިޔާ ޝަހީމް ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ވެސް މަރުގެ ހުކުމް ތަންފީޒު ނުކުރެވި އޮތުމަކީ ދެން ވެސް އެކަން ނުކުރަން ދައްކަން ޖެހޭ ބަހަނާއެއް ނޫން ކަމަށެވެ. ޑިމޮކްރަސީގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މަރުގެ ހުކުމް ތަންފީޒު ކުރާ ކަމަށާއި މަރުގެ ހުކުމްް ތަންފީޒު ކުރުމާ ދެކޮޅަށް ދުނިޔޭގައި އަޑު އުފުލަމުން ދަނީ އިންސާނީ ހައްގުތަކަށްޓަކައި ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭނީ ހަރުދަނާ ކަމާއެކު އެކަމަށް ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަކޮށްގެން، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން އެކަން ކުރުމަށް ގުޅުން ހުރި މުއައްސަސާތަކާއި އެތަންތަނުގައި ތިބި މީހުންގެ އިތުބާރު ލިބެން ޖެހޭ، މަރުގެ ހުކުމް ރަނގަޅު ކަން ވެސް ކަށަވަރު ކުރަން ޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ސަރުކާރާ އިދިކޮޅު ފަރާތެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ނުކުރަން ސަރުކާރުން ނިންމެވުމުން ހިތާމަ ކުރާ ކަމަށެވެ. މީހުން މެރުމާއި ވަޅި ހެރުމަށް އޮތް ހައްލަކީ ގިސާސް ހިފުން ކަމަށާއި އަމާންކަން ގާއިމް ކުރެވޭނީ ގަސްތުގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދެވިގެން ކަމަށް އުމަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭރު ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް އޭރުގެ ސަރުކާރުން އެކުލަވާލާފައިވެ އެވެ. އެ ގަވާއިދުގައިވާ ގޮތުގައި މަރުގެ އަދަބު ދިނުމުގެ ކުރިން ގިނަ އިޖުރާއަތްތަކެއް ނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހެ އެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް
އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.