ހަބަރު

ރައީސްގެ ސިޓީއެއް ނަޝީދަށް: އަދަބު ލުއިކުރެވޭނީ އިސްތިއުނާފް ނިމުމުން

ޖަލު އަދަބު ލުއިކޮށް ދެވެން އޮތީ އިސްތިއުނާފުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަވުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީ އަކުން ދަންނަވައިފި އެވެ.

"އަވަސް" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ ރައީސް ޗައިނާއަށް ފުރުއްވުމުގެ ކުރިން މާފުށީ ޖަލުން ސީދާ ނަޝީދު ރައީސްއަށް ފޮނުއްވި ސިޓީ ފުޅެއް ލިބުނު ކަމަށެވެ. އަދި އެ ސިޓީގައި އޮތީ 12 އަހަރުގެ ޖަލު އަދަބު ލުއިކޮށް ދިނުމަށް އެދިފައި ކަމަށް މުއާޒު ވިދާޅުވި އެވެ. އެ ސިޓީގެ ޖަވާބުގައި ރައީސް ނަޝީދަށް އެޑްރެސް ކުރެއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ އިސްތިއުނާފުގެ މަރުހަލާތައް ނިންމަވައި އެއަށް ފަހު އަދަބު ލުއިކޮށް ދިނުމަށް ދެންނެވުމަށް އެދިވަޑައިގެންފައި ކަމަށް މުއާޒު ވިދާޅުވި އެވެ.

"އެ ސިޓީ އައީ ސީދާ ނަޝީދު ރައީސްއަށް ފޮނުއްވި ސިޓީއެއް. އެ ސިޓީ ޖަވާބު ވެސް ރައީސް ފޮނުއްވީ ސީދާ ނަޝީދަށް. މާފުށީ ޖަލުގައި ނަޝީދު އިންނަވާ ޔުނިޓަށް. އެ ސިޓީގައި ރައީސް ތަކުރާރު ކުރައްވާފައި ވަނީ އިސްތިއުނާފުގެ މަރުހަލާ ފުރިހަމަ ކުރުމުން ނޫނީ އަދަބަށް ލުއިކޮށްދެވެން ނެތް ކަމަށް،" މުއާޒު ވިދާޅުވި އެވެ.

ނަޝީދުގެ އެ ސިޓީފުޅަށް ފަހު އެމަނިކުފާނުގެ ފަރާތްޕުޅުން ގާނޫނީ ވަކީލުން ވެސް ވަނީ އަދަބު ލުއިކޮށް ދިނުމަށް ރައީސްއަށް ސިޓީއެއް ފޮނުއްވައިފަ އެވެ. މުއާޒު ވިދާޅުވި ގޮތުގައި ރައީސް އަމިއްލަ ދަތުރުފުޅެއްގައި ހުންނެވުމުން އެ ސިޓީއަށް އަދި ޖަވާބެއް ދެއްވާފައި ނުވެ އެވެ.

ރޭ ރާއްޖެ ޓީވީގެ ފަސް މަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްވަމުން ނަޝީދުގެ ވަކީލް ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީން ސީދާ ނަޝީދަށް ސިޓީފުޅެއް ފޮނުއްވި ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި އެ ސިޓީގައި އޮތީ ކޮން ވާހަކަތަކެއްކަން ހޯދުމަށް ނަޝީދަށް ބައްދަލު ކުރަން މިހާރު އެދިފައި ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.