ދުނިޔެ

އައިއެސްއާ ދެކޮޅު ހަނގުރާމައިގައި އިރާގުގެ ބައިވެރިވުމާ މެދު އެމެރިކާ އިން ސުވާލު އުފައްދައިފި

Jun 18, 2015

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިރާގުގެ ބައިވެރިވުން އޮތް މިންވަރާ މެދު އެމެރިކާ އިން އަނެއްކާ ވެސް ސުވާލު އުފައްދައިފި އެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އެޝްޓަން ކާޓާ މިއަދު ވިދާޅުވި ގޮތުގައި އިރާގު ސިފައިންނާ އަލަށް ގުޅޭ މީހުންގެ އަދަދު ވަރަށް މަދެވެ. މި އަހަރުގެ ނިޔަލަށް 24،000 އާ ސިފައިން ތަމްރީނުކުރުމަށް އިރާގުގައި ތިބި އެމެރިކާގެ އަސްކަރީ އެޑްވައިޒަރުން އަމާޒު ހިފާފައި ވިޔަސް، މިދިޔަ ދެތިން މަސްދުވަހުގެ ތެރޭގައި އަސްކަރިއްޔާއާ ގުޅިފައި ވަނީ ގާތްގަނޑަކަށް 7،000 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އައިއެސްއާ ދެކޮޅަށް އިރާގުގެ ސުންނީ ގަބީލާތަކުގެ މީހުން ވެސް އެއްގަލަކަށް އަރުވަން ޖެހިފައިވާ ކަމަށް ކާޓާ ވިދާޅުވި އެވެ.

"މި މަސައްކަތުގައި އެކި ފިކުރުގެ މީހުންނަށް ޖާގަ އޮންނަންްޖެހޭނެ،" ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ކާޓާ ވިދާޅުވި އެވެ.

އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހިތްވަރު އިރާގު ސިފައިންގެ ކިބައިގައި ނެތް ކަމަށް ބުނެ އެމެރިކާ އިން ވަނީ އިރާގުގެ އަސްކަރިއްޔާ އަށް މިދިޔަ މަހު ވެސް ފާޑުކިޔާފަ އެވެ. އެ ފަހަރު ކާޓާ ވިދާޅުވި ގޮތުގައި އައިއެސްގެ ހަނގުރާމަވެރިންނަށް ވުރެ ސަރުކާރު ސިފައިންގެ އަދަދު ހާސްބައި ގިނަ ވިޔަސް، ސިފައިން ދަނީ މާ ބޮޑު ކުރިމަތިލުންތަކަކަށް ނުގޮސް، އައިއެސްގެ ހަނގުރާމަވެރިންނަށް އަމާންދީ، ފަހަތަށް ޖެހެމުންނެވެ.

އެމެރިކާ ސިފައިން 2011 ގައި އިރާގުން ފައިބާފައިވީ ނަމަވެސް، އެ ގައުމުން އަދިވެސް ދަނީ އިރާގު ސިފައިން ތަމްރީނުކޮށްދީ، ހަތިޔާރު ފޯރުކޮށްދެމުންނެވެ. އެހެން ނަމަވެސް، އައިއެސްއާ ހަނގުރާމަ ކުރުމުގައި ސަރުކާރު ސިފައިން ވަނީ ނުކުޅެދިފަ އެވެ. އަަދި އައިއެސްގެ ހަނގުރާމަވެރިން ހިފާ ސަރަހައްދުތަކުން ފަހަތަށް ޖެހޭއިރު، އެމެރިކާ ޢިން ދީފައިވާ ޒަމާނީ ބައެއް ހަތިޔާރުތައް ހަނގުރާމަވެރިންގެ އަތްމައްޗަށް ދޫކޮށްފައި ދާ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.

އައިއެސްއާ ދެކޮޅަށް އިރާގާއި ސީރިއާގައި ހިންގާ އޮޕަރޭޝަނަށް އެމެރިކާ އިން ދުވާލަކު ނުވަ މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުކުރަމުން ދެ އެވެ. އެ ގޮތުން، އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން އަައިއެސްއާ ދެކޮޅަށް ހިންގަމުން ގެންދާ ހަރަކާތްތަކަށް އެމެރިކާ އިން އެކަނި ވެސް ވަނީ މިހާތަނަށް 2.7 ބިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. މިދިޔަ އޮގަސްޓް މަހު ފެށި އެ އޮޕަރޭޝަންގެ ހަރަދު ދުވަސްވަމުންދާ ވަރަކަށް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އައިއެސް ބަލިކުރުމަށް އިރާގު ސިފައިންނަށް އެހީވުމަށް އެމެރިކާގެ އިތުރު 450 ސިފައިން ފޮނުވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އިއްޔެ ނިންމަވާފަ އެވެ. އިރާގުގެ ބޮޑުވަޒީރު ހާދީ އަލް އަބާދީގެ އެދިވަޑައިގަތުމަކަށް ފޮނުވާ އެ ސިފައިން ތިބޭނީ އައިއެސް އިން މިދިޔަ މަހު ހިފި ރަމާދީ ސިޓީ ނިސްބަތްވާ އަންބާރު ޕްރޮވިންސްގައި ހުންނަ ތަގައްދުމް އަސްކަރީ މަރުކަޒުގަ އެވެ. އެ ފައުޖު ހަރަކާތްތެރިވާނީ އިރާގު ސިފައިން ތަމްރީނުކޮށް، ލަފާ ދިނުމުގަ އެވެ.

އިރާގު ސިފައިން ތަމްރީނުކޮށް ލަފާ ދިނުމުގައި އެމެރިކާގެ ގާތްގަނޑަކަށް 3،000 ސިފައިން އިރާގުގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ހަތަރު އަސްކަރީ މަރުކަޒެއްގައި މިހާރު ވެސް ހަރަކާތްތެރި ވަމުންދެ އެވެ. މީގެ އިތުރުން، އިނގިރޭސި ސިފައިން ވެސް ކޮންމެވެސް ވަރަކަށް އިރާގުގައި އެބަތިއްބެވެ. އަދި އިނގިރޭސި ވިލާތުން ވަނީ އެ އަދަދު 275 އަށް އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ.

އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން އައިއެސްއާ ދެކޮޅަށް އިރާގާއި ސީރިއާގައި ވައިގެ ހަމަލާތައް ކޮންމެ ދުވަހަކުން ދެމުން ދަނިކޮށް ވެސް އައިއެސް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި އިރާގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން ވަަނީ އަންބާރު ޕްރޮވިންސުގައި އޮންނަ މުހިއްމު އަވަށެއް ކަމަށްވާ ރަމާދީ ހިފާފަ އެވެ.

މިދިޔަ މަހު 17 ގައި ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި އަސްކަރިއްޔާ އަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ވަނީ ވަގުތުން ޖަމާވެފަ އެވެ. ގާތްގަނޑަކަށް 3،000 ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެން ތިބުމަށް ފަހު، މިދިޔަ މަހު ފަހުކޮޅު ވަނީ ރަމާދީ އަލުން ހިފުމުގެ މަސައްކަތް ފަށާފަަ އެވެ. އެ މަސައްކަތް މުޅި އަންބާރު ޕްރޮވިންސަށް ފުޅާކޮށް، މިހާރު ކުރިއަށް ގެންދަނީ އަސްކަރިއްޔާއާ ގުޅިގެންނެވެ.

ރަމާދީ ހިފުމާ އެކު، އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު އަލް އަބާދީއާ، ކުރިމަތިލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.

މީގެ އިތުރުން، އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން ވަނީ މިދިޔަ މަހު ސީރިއާގެ މުހިއްމު އަވަށްތަކެއް ވެސް ހިފާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން އެންމެ ފަހުން ހިފާފައި ވަނީ ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ އެވެ،

ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ) އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.