ހަބަރު

ހިޔާލު އެއްގޮތް ކުރަން މައުމޫން އެމްޑީޕީ އޮފީހަށް

ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުމަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމްޑީޕީ އޮފީހަށް ވަޑައިގެންފި އެވެ. މިއީ ރައީސް މައުމޫން އެމްޑީޕީ އޮފީހަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ލީޑަރުންނާއެކު މިހާރު ކުރިޔަށްދާ ބައްދަލުވުމުގައި ބައިވެރިވުމަށް ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް އެމްޑީޕީ އޮފީހަށް ވަނީ ވަޑައިގެންފަ އެވެ. އޭގެ އިތުރުން ޖޭޕީ އާއި އަދާލަތު ޕާޓީ އަދި އެމްޑީޕީގެ ވެރިން ވެސް އެ ބައްދަލުވުމުގައި ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބާ ގުޅޭ ގޮތުންނެވެ. ނަމަވެސް އެ މަޝްވަރާއާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

މަޖިލީސް ގޮނޑިތައް ދިނުމާ ބެހޭ ގޮތުން ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް އެ ބައްދަލުވުން ބޭއްވީ ހިޔާލު އެއްގޮތް ވަކި ގޮތެއް ނިންމެވުމަށެވެ. އެގޮތުން އިންތިހާބަށް ޕާޓީތަކުން ވަކިވަކިން ކުރިމަތިލާނީތޯ ނުވަތަ ކޯލިޝަނުން ގޮނޑިތައް ބަހާނީތޯ ނިންމާނެ ކަމަށް ބެލެވެ އެވެ.