ހަބަރު

ޓެކްސަށް މަކަރު ހެދުމުގެ ފުރުސަތު އޮންނަ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ

ޓެކްސްތަކަށް މަކަރު ހެދުމުގެ ފުރުސަތު ބޮޑު ގައުމުތައް ކަމަށް ބުނެ އީޔޫ އިން އެކުލަވާލި، "ޓެކްސް ހެވަން ބްލެކް ލިސްޓް"ގައި ރާއްޖެ ވެސް ހިމަނައިފި އެވެ.

ޓެކްސަށް މަކަރުހެދުން ހުއްޓުވައި ޓެކްސް ނެގުމުގެ ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރުމަށް، އީޔޫ އިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ފުރަތަމަ ފަހަރަށް މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި، އެ ލިސްޓްގައި އޭޝިޔާ ސަރަައްދުގެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ހޮންކޮންގް، ބުރޫނާއި ސީޝެލްސް އަދި މޮރިޝިއަސް ވަނީ ހިމަނައިފަ އެވެ.

އޮފްޝޯ ފައިނޭންސްގެ ހިދުމަތްތައް ފުޅާކޮށްފައިވާ ގައުމުތައް އެ ލިސްޓްގައި ހިމެނޭ އިރު، އެމެރިކާގެ ޓެރިޓަރީއެއްގެ ގޮތުގައި އޮންނަ ކޭމަން އައިލެންޑްސް އާއި ވާޖިން އައިލެންޑްސް އާއި ބާމިއުޑާ އާއި ބަހާމާސް އަދި މާޝަލް އައިލެންޑްސް އެ ލިސްޓްގައި ހިމެނެ އެވެ. ޕެނަމާ ވެސް އެލިސްޓްގައި ހިމަނާފައިވާ އިރު، ލައިބީރިއާ އާއި އޮފްޝޯގެ ހިދުމަތް ދޭ އެހެން ވެސް ބައެއް ކުދި ޖަޒީރާ ގައުމުތައް ހިމަނާފައިވެ އެވެ.

އެ ގައުމުތަކުގެ ގަވާއިދުތަކާއި އެހެން ވެސް ޓެކްސް އުސޫލުތަކާއި ބޭންކިންގެ ގާނޫނުތައް ހުންނަ ގޮތުން ޓެކްސަށް މަކަރު ހެދުމަށް އެހީތެރި ވުމުގެ ފުރުސަތު ބޮޑު ގައުމުތަކުގެ ގޮތުގައި ޖުމްލަ 30 ގައުމެއް އީޔޫގެ ލިސްޓްގައި ހިމަނާފައިވެ އެވެ. ޓެކްސަށް މަކަރު ހެދުމަށް އެހީތެރިވެދޭ ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ އަޔަލެންޑާއި ސްވިޒަލެންޑް ފަދަ ގައުމުތައް އެ ލިސްޓްގައި އުނިވެފައި އޮތުމުން އެކަމުގެ ޝަކުވާ ވެސް އޮތީ ބޮޑުވެފަ އެވެ.

އެ ލިސްޓްގައި ގައުމެއް ހިމެނުނު ނަމަވެސް، އެ ކަމުގެ ސަބަބުން އީޔޫ އިން ވެސް އަދި ބައިނަލް އަގުވާމީ އެހެން ވެސް މާލީ އިދާރާއަކުން އެ ގައުމަށް އެއްވެސް ފިޔަވަޅެ އަޅައި ނޫނީ އަދަބު ދީ ނުހަދާނެ އެވެ.

އީޔޫ އިން ބުނެފައި ވަނީ އަހަރަކު އެއްފަހަރު ނެރެން ހަމަޖެހިފައިވާ އެ ލިސްޓްގެ މަގުސަދަކީ ޓެކްސަށް މަކަރު ހެދުމުގެ ކަންކަން ނުހިންގޭ ގައުމުތަކުގެ ޓެކްސް ނިޒާމާއި ބޭންކިން ނިޒާމް ހަރުދަނާ ކުރުމަށް އެހީވެދިނުން ކަމަށެވެ. މި ލިސްޓްގެ ސަބަބުން އެ ގައުމުތަކަށް އެހީވެ، އެކަންކަން އިސްލާހު ކުރުމަށް މިއީ ހުޅުވިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް ވެސް އީޔޫ އިން ބުންޏެވެ.

އެ ލިސްޓްގައި ރާއްޖެ ހިމެނުނު ސަބަބެއް ކަމަށް ލަފާ ކުރެވެނީ، ހާއްސަ އިނާޔަތްތަކަކެއް އަދި ޓެކްސް މާފް ކުރުން ވެސް ހިމެނޭ ގޮތަށް އިގްތިސާދީ ހާއްސަ ސަރަހައްދުތައް ނޫނީ، އެސްއީޒެޑް ހެދުމުގެ ގާނޫނެއް ފާސްކުރުމާއި އެ މަސައްކަތްތައް ފަށާފައިވާތީ އެވެ. މީގެ އިތުރުން އެ ގާނޫނުގެ ދަށުން އޮފްޝޯ ބޭންކިންގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، އެ ކަމާ ގުޅޭ ގަވާއިދު މިދިޔަ ހަފްތާ ވަނީ ގެޒެޓް ވެސް ކޮށްފަ އެވެ.

އެ ލިސްޓް އެކުލަވާލަނީ އީޔޫ އިން ބުނި ގޮތުގައި އެ ޖަމާއަތުގެ މެންބަރު ގައުމުތަކުން ދޭ ތަފާސްހިސާބުތަކާއި އެހެން ވެސް މައުލޫމާތުތަކަށް ބަލައިގެންނެވެ. އެ ލިސްޓާ މެދު ދުނިޔޭގެ ގައުމުތަކުގެ މެދުގައި ވަނީ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފަ އެވެ.