ހަބަރު

ބްރިޖް މަޝްރޫއަށް، ގާޑިޔާތައް އެހެން ސަރަހައްދަކަށް ބަދަލުކޮށްފި

Jun 19, 2015

ބްރިޖް އެޅުމުގެ މަސައްކަތް ކުރުމަށް ސުނާމީ ބިނާ ސަރަހައްދާ ދިމާލުން ބޭރު މަގުގައި ހުރި ގާޑިޔާތައް އެހެން ސަރަހައްދަކަށް ބަދަލުކޮށްފި އެވެ. 

ހައުސިން މިނިސްޓްރީ އިން ބުނި ގޮތުގައި ގާޑިޔާތައް ދަރުބާރުގެ ހުޅަނގުކޮޅަށް ބަދަލު ކުރީ ބްރިޖް ސާވޭގެ މަސައްކަތް ކުރުމަށް ޓަކައި އެ ސަރަހައްދު ބައެއް ފަހަރަށް ބަންދު ކުރަން ޖެހޭތީ އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް އުނދަގުލާ ކުރިމަތިވަމުން އަންނާތީ އެވެ. އަދި ގާޑިޔާތައް އެ ސަރަހައްދަށް ބަދަލު ކުރި ނަމަވެސް، އެއްވެސް ގާޑިޔަލެއްގެ އަދަދު މަދު ނުކުރާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. އެ ބަދަލު ގެނެސްފައި ވަނީ ވަގުތީ ގޮތުންނެވެ. 

ބްރިޖްގެ ސާވޭއަށް ބޯހޯލް ތޮރުފުމުގެ މަސައްކަތް ޗައިނާގެ ސާވޭ ކުންފުންޏަކުން މިހާރު ދަނީ ކުރަމުންނެވެ. މިއަހަރު ނިމުމުގެ ކުރިން ބްރިޖް އަޅަން ފަށަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

ބްރިޖް އެޅުމަށް ހަމަޖެހިފައި ވަނީ މާލޭ ސުނާމީ ބިނާ ސަރަހައްދުން ފެށިގެން ހުޅުލޭގެ ރަންވޭ ކޮޅާ ދިމާލުން އޮންނަ ހުސްބިމަށެވެ.