ހަބަރު

އެމްޑީޕީން ޓޯނީ ބްލެއާގެ އަނބިކަބަލުންނަށް ވަރަށް ހުތުރުކޮށް ފާޑުކިޔައިފި

Jun 19, 2015

ރާއްޖޭގެ ގާނޫނީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތާ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާގެ އަނބިކަބަލުން، ޝެރީ ބްލެއާގެ ލޯފާމުން ހަވާލުވުމާ ގުޅިގެން، އެބޭފުޅާ އުޅުއްވަނީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އޮމްނިއާ ސްޓްރެޓެޖީއާގެ ޗެއާމަން ކަން ކުރައްވައި ޝެރީ ބްލެއާއަށް، ފާޑު ކިޔަމުން އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެފައި ވަނީ ޑިމޮކްރަސީގެ ލީޑަރު މުހައްމަދު ނަޝީދު ހައްޔަރުކޮށް މި ސަރުކާރުން ހުދުމުހުތާރު ވެރިކަމެއް ކުރުމާ ދިމާލަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމިނަކީ ޑިމޮކްރަޓިކް ވެރިއެއް ނޫންކަން ބައިނަލް އަގުވާމީ އެތައް ފަރާތަކުން ބުނަމުން ދަނިކޮށް ޝެރީ ސަރުކާރާ އެކު މަސައްކަތް ފެށުން ހާމިދު ސިފަކުރެއްވީ މަދު ފައިސާކޮޅެއްގެ ދަހިވެރި ކަމުގައި މި ސަރުކާރުގެ މޫނު މަތި ރީތި ކުރުމަށް ޝެރީ މަސައްކަތް ފެއްޓެވީ ކަމަށެވެ.

"ބްލެއާގެ އަނބިކަނބަލުންގެ ކުންފުންޏަކުން ދިވެހި ސަރުކާރާއެކު މަސައްކަތް ކުރުމަކީ އެއްވެސް ހަމައެއް، ލަމައެއް ނެތި ހިންގާ އަމަލެއް،" ހާމިދު ވިދާޅުވެފައިވެ އެވެ. "އެއީ އެއްވެސް އުސޫލެއް ނެތި ފައިސާއެއް ގަނެވޭނެ ފަރާތެއްކަން މި ވަނީ ހާމަވެފައި،"

ޝެރީ ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަކީ އިންސާނީ ހައްގުތަކަށް އަރައިގަނެ، އެތައް ބައެއްގެ ހައްގު ނިގުޅައިގެންފައިވާ ވެރިއެއް ނޫން ކަމުގައެއް ނުވާނެ ކަމަށް ވެސް ހާމިދު ވަނީ ވިދާޅުވެފަ އެވެ.

ޝެރީގެ ޗެއާމަން ކަމުގެ ދަށުން ހިންގާ ކުންފުންޏަށް ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެ ގަނެ، ސަރުކާރަށް އެކަމުގެ ލަފާދިނުން ހިމެނެ އެވެ.