ދުނިޔެ

ޚާލިދާ ޒިޔާ އަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެކަމަށް ނިންމައިފި

ޑާކާ (ޑިސެމްބަރު 2) - ބަންގްލަދޭޝްގައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ އިންތިހާބުގައި، ކޮރަޕްޝަނުގެ ދައުވާ ސާބިތުވެފައިވާ އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާއަށް ވާދަ ނުކުރެއްވޭނެކަމަށް ނިންމައިފި އެވެ.

އެ ގައުމުގެ ބަންޑާރަނައިބު ވިދާޅުވީ، ދެ އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެއްވެސް މީހަކަށް، އިންތިހާބުތަކުގައި ވާދަނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ކަނޑައަޅާފައިވާކަމަށެވެ.

ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ ޒިޔާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ މިދިޔަ ފެބްރުއަރީ މަހު ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭގެ ފަހުން، އޮކްޓޯބަރު މަހު އިތުރު ކޮރަޕްޝަންގެ ދައުވާ އެއް ސާބިތުވެ އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް އެކަމަނާގެ މައްޗަށް ވަނީ އިއްވައިފަ އެވެ.

ހާލިދާ ޖަލަށްލާން ހުކުމްކުރީ ޒިއާ އޯފަނޭޖް ޓްރަސްޓްގެ ނަމުގައި އެކަމަނާ ހިންގަވާ ޔަތީމްހާނާ ތަކަކަށް ބައިނަލް އަގުވާމީ ފަރާތްތަކުން ދިން ފައިސާ އަމިއްލަފުޅު ކަންކަމަށް ބޭނުން ކުރިކަމަށް ސާބިތުވެގެންނެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް ރިއާޔަތްކޮށް، ޑިސެމްބަރު 30 ގައި ބޭއްވޭ އިންތިހާބުގައި ޚާލިދާއަށް ވާދަނުކުރެއްވޭނެކަމަށް ކަނޑައެޅުމުން، އެކަމަނާގެ ޕާޓީން އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެކަމަކީ ޚާލިދާ ސިޔާސީ މައިދާނުން ދުރުކުރުމަށް ސަރުކާރުން އިސްވެ ކޮށްފައިވާ ކަމެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައި އެވެ.