ހަބަރު

ވެރިކަން ނިމުމަށްފަހު ފުރަތަމަ ފަހަރަށް ޔާމީން އާންމުންގެ ތެރެއަށް

ރައިސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވީ ފަހުން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުރަތަމަ ފަހަރަށް އާންމު ތަނެއްގައި މިރޭ ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމްގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ އެ ޕާޓީގެ ވަފާތެރި މެންބަރުންނަށް ޓިކެޓު ހަވާލު ކުރުމަށް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. އަދި އުންމީދީ ވާހަކަތަކެއް އެމަނިކުފާނުގެ ސަޕޯޓަރުންނާ ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތް ފަހުން އެމަނިކުފާނު އާންމު ތަނެެއްގައި ވާހަކަފުޅު ދެއްކެވީ ރިޔާާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ ޕީޕީއެމް އޮފީހުގެ ތެރޭގައި ހުރެގެނެވެ. އެމަނިކުފާނު މަގާމުން ވަކިވި ފަހުން މިއަދާ ހަމަޔަށް އައިއިރު ވެސް އެއްވެސް އާންމު ތަނެއްގައި އަދި އެހެން ގޮތަކަށް ވެސް ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ. އަދި ޕީޕީއެމްގެ ހަރަކާތްތައް ވެސް އެއްކޮށް ހުއްޓި، އިދިކޮޅު އަޑު އޮތީ މުޅިން ކެނޑިފަ އެވެ.