ހަބަރު

ކުލި ނުލިބި، ވަގުފް ބިނާއިން ދައުލަތަށް ބޮޑެތި ގެއްލުން!

ރާއްޖޭގެ މިސްކިތްތަކަށް ހަރަދު ކުރުމަށް ގާއިމްކޮށްފައިވާ ވަގުފް ފަންޑަށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމަށް ކުއްޔަށް ދޭ އޮފީސް އިމާރާތެއްގެ ގޮތުގައި އެޅި ވަގުފް ބިނާ، "ދާރުލް އީމާން" އަށް ކުލި ނުލިބި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ހާމަވެއްޖެ އެވެ.

މާފަންނު މަދަރުސާއާ އިންވެގެން ހުޅަނގަށް އޮތް ބިމުގައި ބިނާކުރި 10 ބުރީގެ އިމާރާތް އިމާރާތް ރަސްމީކޮށް ހުޅުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެތަން ހުޅުވި އިރުވެސް އެ އިމާރާތުގެ ބައެއް އޮފީސް އެޕާޓްމަންޓްތައް ވަނީ ދައުލަތުގެ ބައެއް އިދާރާތައް ހިންގުމަށް ކުއްޔަށް ދޫކޮށްފަ އެވެ.

ވަގުފް ބިނާގެ 10 ބުރީގެ ތެރެއިން 6 ފްލޯ، ފަސް އަހަރަށް، ކުއްޔަށް ދޫކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނަށެވެ. އެއީ ކޮންމެ ފަންގިފިލާ އަކަށް މަހު ކުއްޔަށް 22،222 ރ ގެ ރޭޓުންނެވެ. ތިން ފަންގި ފިލާ ފިނޭންސް މިނިސްޓްރީއަށް ދޫކޮށްފައިވަނީ ބަޔަކަށް 49،000 ރ ގެ ރޭޓުންނެވެ. އަދި ބާކީ އިން ފްލޯ ދޫކުރީ އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑަށެވެ. އެ ފަރާތަށް އެޕާޓްމަންޓް ކުއްޔަށް ދޫކޮށްފައިވަނީ ފަސް އަހަރަށް، މަހަކު 40،000 ރ ގެ ރޭޓުންނެވެ.

މި ތަންތަން 2016 ވަނަ އަހަރުން ފެށިގެން މި ފަރާތްތަކަށް ދޫކޮށްފައިވާއިރު އިމާރާތުގެ ކުލީގެ ގޮތުގައި އައިލެންޑް އޭވިއޭޝަނުންނާއި އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ގިނަ ފައިސާތަކެއް ދައްކާފައެއްނުވެ އެވެ. އެގޮތުން ވަގުފް އިމާރާތުގެ ކުއްޔަށް ނިމުނު އޮކްޓޯބަރު މަހުގެ ނިޔަލަށް އައިލެންޑް އޭވިއޭޝަނުން ނުދައްކާ ހުރި ކުލީގެ އަދަދު ހަ މިލިއަނަށް އަރާއިރު، އޯޝަން ބަރަކާ އިން ދައްކަންޖެހޭ ކުލީގެ ފައިސާ 380،000 އަށް އަރަ އެވެ. އެހެން ކަމުން ވަގުފް އިމާރާތުގެ ކުއްޔަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 6.3 މިލިއަނަށް އަރައެވެ. މިއީ ދައުލަތަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ފާހގަކޮސް އޮޑިޓް އޮފީހުން ވަނީ އެ ފައިސާ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ހޯދަން އިސްލާމިކް މިނިސްޓްރީ އަށް އަންގާފަ އެވެ.

ވަގުފް އިމާރާތަށް ކުލީގެ ގޮތުގައި ލިބެންޖެހޭ ގިނަ ފައިސާތަކެއް ނުލިބި ހުރިކަން އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާއިރު،
އިތުރު ދެ މައްސަލައެއް ވެސް އެ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

އޮޑިޓުން ފާހަގަވި ބައެއް އިތުރު މައްސަލަ

  • އައިއޭއެސް އާއި ފިނޭންސް މިނިސްޓްރީއަށް ދާރުލް އީމާނުން ފަންގިފިލާ ދޫކުރީ އެގްރީމެންޓެއް ނެތި
  • އަމިއްލަ ގޮތުން ހިންގާ އޯޝަން ބަރަކާއަށް ދައުލަތަށް ދިން ރޭޓަށްވުރެ ކުޑަ އަގެއްގައި ކުއްޔަށް ދޫކުރުން
  • އައިއޭއެސްއިން ކުލި ނުދެއްކާތާ ގިނަދުވަސްވެ، އެޑްވާންސް ފައިސާގެ ބޭނުން ކެނޑި ގެއްލުންވުން

ދައުލަތުގެ ބަޖެޓުން 23 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އެޅި މި ބިނާ އަކީ، އިމާރާތަށް ކުލީގެ ގޮތުގައި ލިބޭ ފައިސާއިން އިމާރާތް ބެލެހެއްޓުމަށް ހަރަދު ކުރުމަށް ފަހު ބާކީވާ ފައިސާ ވަގުފު ފަންޑަށް ޖަމާކުރާ ގޮތަށް ހުޅުވި އިމާރާތެކެވެ.