ހަބަރު

ސައުދާއި ލަތީފް ވެސް ޖުމްހޫރީ ޕާޓީއަށް

ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ، ޖުމްހޫރީ ޕާޓީއާ މިފަހުން ގުޅިވަޑައިގަތް ބިއްލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ކުރެއްވި ފޭސްބުކް ޕޯސްޓަކުންނެވެ.

މުބީން ކުރެއްވި ޕޯސްޓްގައި ވަނީ މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ޕީޖީ ބައްދަލުވުމުގެ ފޮޓޯތަކެއް ހިއްސާ ކުރައްވާފަ އެވެ. ދެ ފޮޓޯއެއް މުބީން ޕޯސްޓް ކުރެއްވިިއިރު އެއް ފޮޓޯގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެންމެ އަރިހުގައި ސައުދު އިންނެވި އެވެ.

ދެވަނަ ފޮޓޯގައި ޖުމްހޫރީ ޕާޓީގެ އެހެން މަޖިލިސް މެންބަރުންނާއެކު އެ ބައްދަލުވުމުގައި މެންބަރު ލަތީފް ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެނެ އެވެ.

ސައުދާއި ލަތީފް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތްކަން އެ ޕާޓީއިން އިއުލާންކޮށްފައެއް ނުވެ އެވެ. އެ ދެ މެންބަރުންނާއެކު، އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 22 އަށް އަރާނެ އެވެ.

ޕާޓީއަށް މަޖިލިސް މެންބަރުން ގުޅުމަށް ރަސްމިއްޔާތުތައް ދިޔައީ ބާއްވަމުންނެވެ. ނަމަވެސް އެ ދެ މެންބަރުން ޕާޓީއާ ގުޅިވަޑައިގަތްކަން ހާމަނުކޮށް އޮތް ސަބަބެއް ސާފެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އަދި ސައުދާއި ލަތީފްގެ ބަހެއް ވެސް ނުލިބުނެވެ.