ދުނިޔެ

އެބޯލާ ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާ ދެނީ 23 މީހަކަށް

އެހެންވީމަ އެބޯލާގެ ބިރުވެރިކަން ގާތްގަނޑަކަށް ދިޔައީ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗް އޯ އިން ބުނަނީ އެބޯލާ ޖެހިގެން މިހާރު ފަރުވާ ހޯދަމުން ދަނީ އެންމެ 23 މީހުން ކަމަށެވެ.

ގިނީގައި 10 މީހަކަށް ފަރުވާ ދެމުން އަންނައިރު ސިއެރެލިއޯނުން ދަނީ 13 މީހަކަށް ފަރުވާ ދެމުންނެވެ. އެބޯލާ ފެތުރެމުންދާ ގައުމެއްގައި މި ބަލި ފެތުރުން ހުއްޓިއްޖެ ކަމަށް ރަސްމީކޮށް ކަނޑައަޅަނީ ބަލީގެ އިތުރު މައްސަލައެއް ފެންމަތިނުވާތާ 40 ދުވަސް ވުމުންނެވެ.

ހުޅަނގު އެފްރިކާގައި 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފެތުރެމުން އައި މި ރޯގާ އެންމެ ފުރަތަމަ ފެނުނީ ގިނީ އިންނެވެ. އެއަށް ފަހު ސިއެރެލިއޯނާއި ނައިޖީރިއާ އަދި ލައިބީރިއާގެ އިތުރުން މާލީ އިން ވެސް އެބޯލާ ފެނިފައިވެ އެވެ. މި ބަލިމަޑުކަމުގެ ތެރެއިން އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ސްޕެއިން އާއި އިޓަލީގެ ރައްޔިތުންނަށް ވެސް މި ރޯގާ ޖެހިފައިވެ އެވެ.

މިހާތަނަށް 27،000 އަށް ވުރެ ގިނަ މީހުން މި ބަލި ޖެހިފައިވާއިރު މަރުވި މީހުންގެ އަދަދު 11،000 އަށް ވުރެ މައްޗަށް އަރަ އެވެ. އެންމެ ގިނަ މީހުން މަރުވެފައި ވަނީ 4،000 އަށް ވުރެ ގިނަ މީހުން މަރުވި ލައިބީރިއާ އިންނެވެ.

އެ ގައުމުގައި އެބޯލާ ފެތުރުން ހުއްޓިފައިވާ ކަމަށް ކަނޑައެޅީ މިދިޔަ މަހު އެވެ.

މިފަހަރުގެ މި ބަލިމަޑުކަމަކީ އެބޯލާގެ ތާރީޚުގައި ވެސް މި ރޯގާ މިހާ ބޮޑަށް ފެތުރި މިހާ ގިނަ އަދަދަކަށް މީހުން މަރުވި ފުރަތަމަ ފަހަރެވެ. އެބޯލާ އަށް ހާއްސަ ވެކްސިންތަކެއް ޓެސްޓްކުރަމުން ދިޔަ ނަމަވެސް ސީދާ ފަރުވާއެއް އަދިވެސް ނުހޯދެ އެވެ.

އެބޯލާގެ ބިރުން ދުނިޔެ ސަލާމަތްވިއިރު މާސް ރޯގާގެ ނުރައްކަލަށް ދުނިޔެ މި އޮތީ ހުށަހެޅިފަ އެވެ. މި ވައިރަސް ދެކުނު ކޮރެއާގައި ހަލުވިކަމާ އެކު ފެތުރެމުން އަންނައިރު މިހާތަނަށް ވަނީ 24 މީހަކު މަރުވެފަ އެވެ.

މާސް ރޯގާ އެންމެ ފުރަތަމަ ފެނިފައި ވަނީ 2012 ވަނަ އަހަރު މެދުއިރުމަތިންނެވެ. މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް ނުވަތަ މާސްއޭ މި ރޯގާ އަށް ކިޔަނީ އެހެންވެ އެވެ.

މާސް ޖެހުމުން ގަދަ އަށް ހުން އައިސް ކެއްސައި ނޭވާލުމަށް އުނދަގޫތަކެއް ކުރުވަ އެވެ. މީގެ ނުރައްކާ ބޮޑުވެއްޖެ ނަމަ ކިޑްނީ ފެއިލްވުމާއި ބަލި އެންމެފަހުން ނިއުމޯނިއާ އަށް ބަދަލުވުމުގެ ފުރުސަތު ވެސް އޮވެ އެވެ.