ހަބަރު

ހަމައެކަނި ޝަރީއާ ކިޔެވި މީހުންގެ ހުއްދަ ބާތިލްކުރުން ރަނގަޅެއް ނޫން: ޝަހީމް

ހަމައެކަނި ޝަރީއާ ކިޔެވި މީހުންގެ ގާނޫނީ ވަކީލް ކަމުގެ ހުއްދަ ބާތިލްވާ ގޮތަށް ގާނޫނީ ހިދުމަތުގެ ބިލްގައި ހިމެނުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ވަކީލުންގެ ކަންކަން ހަރުދަނާ ކުރުމަށް މަފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގާނޫނީ ހިދުމަތުގެ ބިލުގައި ވަކީލު ކަމުގެ ހުއްދަ ދޭނެ ޝަރުތައް ވަނީ ހިމަނާފަ އެވެ.

އެގޮތުން ވަކީލު ކަމުގެ ހުއްދަ ދެވޭނީ ގާނޫނުގައިވާ ތަމްރީނުތައް ހާސިލްކޮށްފައިވާ މީހުންނަށް ކަމަށް ވަނީ ބުނެފަ އެވެ. ބިލްގައިވާ ގޮތުން ވަކީލު ކަމުގެ ހުއްދަ ދޭން ވަނީ ޝަރީއާ އެންޑް ލޯއިން ޑިޕްލޮމާ ނުވަތަ ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހާސިލްކޮށްފައިވާ މީހުނަށެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާތާ، ތިން އަހަރު ދުވަހުގެ ތެރޭގައި އެ ސަނަދުތައް ނެތް މީހުން، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރަން ޖެހޭނެ ކަމަށާއި ނޫންނަމަ އެމީހުންގެ ގާނޫނީ ވަކީލް ކަމުގެ ހުއްދަ ބާތިލްވެގެން ދާނެ ކަމަށް ބިލްގައިވެ އެވެ.

ހަމައެކަނި ޝަރީއާ ކިޔަވައިގެން ރާއްޖޭގައި ގިނަ ބަޔަކު ގާނޫނީ ވަކީލުކަން ކުރެ އެވެ. އާންމުކޮށް އިސްލާމިކް ޔުނިވާސިޓީތަކުގައި ކިޔަވައިދެނީ ހަމައެކަނި ޝަރީއާ އެވެ. އެގޮތުން މަދީނާ ފަދަ ގައުމުތަކުން ތައުލީމް ހާސިލް ކޮށްފައިވާ މީހުން ލޯ ކިޔަވާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ޝަހީމް މިއަދު ވިދާޅުވީ، ހަމައެކަނި ޝަރީއާ ހަދާފައިވާ މީހުންނަށް ވަކާލާތު ނުކުރެވޭ ގޮތަށް ގާނޫނެއް ހެދުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެގޮތަށް ކަން ކޮށްފިނަމަ އިސްލާމީ ޔުނިވާސިޓީތަކުން ކިޔަވާފައި ތިބި ވަރަށް ގިނަ ބަޔަކު މަހްރޫމް ވެގެން ދާނެ ކަމަށެވެ.

"ހާއްސަކޮށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ އެންމެހާ ދަރިވަރުން އެކަމުން މަހްރޫމް ވާނެ، އަދި އަލް އަޒްހަރު ޔުނިވާސިޓީއިން ވެސް ޝަރީއާ އެކަނި ހަދާފައި ތިބި ކުދިން މަހުރޫމް ވާނެ، މަދީނާ ޔުނިވާސިޓީގެ ދަރިވަރުންގެ ތެރޭގައި ނިކަމެތި އަޅުގަނޑު ވެސް ހިމެނޭ، އަޅުގަނޑުގެ ވަކާލާތުގެ ކުރުމުގެ ހުއްދަ ވެސް ބިލްގަވާ ގޮތުން ބާތިލް ވާނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ޝަރީއާ ކިޔަވާއިރު ވެސް ފަނޑިޔާރުކަން ނުވަތަ ވަކާލާތުކަން ކުރެވޭ ވަރަށް ޝަރުއީ ނިޒާމާ ބެހޭ މާއްދާތައް ކިޔަވާދެ އެވެ. ޖިނާއީ އިޖުރާތްތަކާ ގުޅޭ ކަންކަން ވެސް ކިޔަވާދެ އެވެ. ޝަރީއާ މީހުންނަށް ފުރުސަތު ނޯންނާނެ ގޮތަށް ޝަރުއީ ނިޒާމް ބައްޓަން ކުރަން މަސައްކަތް ކުރުމަކީ ވަރަށް ގިނަ އިލްމީ ބޭފުޅުންނަށް ފުރުސަތު ގެއްލިގެން ދާނެ ކަމެއް ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ވެސް ކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މޮޅެތި ވަކީލުންނަށް ވެގެން މީހުން އެކި ކަރަކަރައިން ކިޔަވައިގެން ރާއްޖެ އަންނަދެން ވެސް އަދި އެފަދަ ވަކީލުން ރާއްޖޭގެ އުފެދެންދެން ވެސް އެންމެ ބޮޑު ދައުރެއް އަދާކުރީ ޝަރީއާ ކިޔަވައިގެން ތިބި އުސްތާޒުންނާއި ޝައިހުން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ޒަމާނާއި އުސޫލުތައް ދަސްކުރުމަށް ޝަރީއާ އެކަނި ހަދާފައިވާ މީހުންނަށް ޕޯސްޓް ޑިޕްލޮމާ އިން ލޯ ފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން މާ ރަނގަޅެވެ. ހަމަ އެގޮތަށް ހަމަ އެކަނި ލޯ ހަދާފައިވާ މީހުންނަށް ވެސް ޕޯސްޓް ޑިޕްލޮމާ އިން ޝަރީއާ ފަދަ ޕްރޮގްރާމެއް ހެދޭ ގޮތަށް އޮންނަން ޖެހޭ ކަމަށެވެ.

"އިންސާފަކީ އެއީ، ސަބަބަކީ ރާއްޖޭގެ ޝަރުއީ ނިޒާމްގަ އިސްލާމީ ޝަރީއާ ގުޅޭ ކަންކަން ގިނަ، މަދަނީ މައްސަލަތަކާއި ތަރިކަ، ކައިވެނި، ވަރި، މިހެން ގޮސް ޖިނާއީ މައްސަލަތަކާ މި ބާވަތުގެ ކަންކަމުގައި ރާއްޖޭގެ ޝަރުއީ ނިޒާމްގައި ކަންކަން ބިނާ ވަނީ އިސްލާމީ ޝަރީއާގެ މައްޗަށް، ލޯ އެކަނި ހަދައިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ފަނޑިޔާރުންކަން ނުވަތަ ވަކާލާތުކުރާ މީހުންނަށް ޝަރީއާ ނޭނގުމަކީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ކަމެއް ތަރައްގީ ކުރުމަކީ އެންމެން އެކަމާ އުފާވާނެ ކަމެއް ނަމަވެސް ވަކި ބަޔަކު ނިޒާމުން ގެއްލުވާލަން މަސައްކަތް ކުރުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ. އެހެންވެ، މެންބަރުން އެކަމާމެދު ވިސްނުމަށް ޝަހީމް އެދިވަޑައިގެންނެވި އެވެ.