ހަބަރު

ހަލާލު ނޫން ފައިސާތަކެއް ގެއަށް ވެއްދި ވާހަކަ ނުބުނަން: ޔާމީން

ހަލާލު ނޫން ފައިސާތަކެއް އަމިއްލަ ގެކޮޅު، ދޫވެއްސަށް ވެއްދި ވާހަކަ ވިދާޅުނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ބައެއް މަޖިލިސް މެންބަރުންނަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަރަދު ކުރައްވާ ކަމަށް ވިދާޅުވެ އެ މެންބަރުން އިސްތިއުފާ ދެއްވުމަށް ޔާމީން ގޮވާލައްވާފައިވެ އެވެ. އަދި އެމަނިކުފާނުގެ ގެކޮޅަށް ވެސް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

"ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" އޭރު ޔާމީން ވިދާޅުވި އެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ޔާމީން ވިދާޅުވި ގޮތުގައި ހަލާލު ނޫން ފައިސާތަކެއް ގެއަށް ވަތް ކަމަށް ވިދާޅުވެފައިނުވާ ކަމަށެވެ.

"އަޅުގަނޑު ބުނެފަ އޮންނާނީ މިގޮތަށް، އަޅުގަނޑަކީ ވާހަކަ ދައްކާއިރު ބަސް އޮޅުވާލައިގެން ވާހަކަ ދައްކާ މީހެއް ނޫން، އަދި އަންމުދުން ދައްކާ ވާހަކަ ނޭނގި ދައްކާ މީހެއް ނޫން، ހަލާލު ނޫން ފައިސާ އަޅުގަނޑުގެ ގެއަށް ވަދެގެން އަޅުގަނޑު ކީއްކުރަންތޯ ބަަލައިގަންނަންވީ، ހަލާލު ނޫން ވާހަކައެއް، ހަލާލު ހަރާމްގެ ވާހަކަ ނުވެސް އަންނާނެ،" ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ބުނެފަ އޮންނާނީ އެއީ ކިހިނެއް ލިބުނު ފައިސާއެއް ކަމެއް ނޭނގޭ ވާހަކަ، އެއީ ހަލާލު ނޫން ފައިސާއެކޭ ބުނަނީއެއް ނޫނޭ،"

ޔާމީން ވިދާޅުވީ އެމަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކުން ކެމްޕެއިނަށާއި ޕާޓީއަށް ދޭ ފައިސާ ބަހައްޓަނީ އަދީބުގެ އަތުގައި ކަމަށާއި ކެމްޕެއިންގެ ކަންކަމަށް އަދީބު އެ ފައިސާ އެމަނިކުފާނަށް ދޭތެރެދޭތެރެއިން ފޮނުވާ ކަމަށެވެ. އޭރު ވެސް ވިދާޅުވީ އެގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ގެއަށް ފައިސާ ވަދެފަ އެބަހުރި، އަޅުގަނޑަށް ލިބޭ ފަންޑު ރައިސިން ފައިސާ ބަހައްޓާފައި ހުންނާނީ އަދީބުގެ އަތުގަ، އަޅުގަނޑު ބުނެގެން އެމްޕީއިންނަށް ވެސް އަދި ޕީޕީއެމްގެ ހަރަކާތްތަކަށް ވެސް ހުންނާނެ އެ ފައިސާ ދީފަ، ގެއަށް ވެސް ވައްދާފައި ހުންނާނެ، އަޅުގަނޑު ހަނދާންވާ ގޮތުން ދެފަހަރަށް ހުންނާނެ ގެއަށް ފައިސާ ވައްދާފައި، އެއަކު ނެތެނުންތޯ ހަލާލު ހަރާމެއްގެ ވާހަކައެއް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ ފައިސާއަކީ ހަރާމް ފައިސާ ކަމަށްވާނީ އަދީބުގެ އަތުން އެހެން ހުރި ހުރިހާ ފައިސާއަކީ ވެސް ހަރާމް ފައިސާ ކަމަށް ކަނޑައެޅުމުންނެވެ. ނަމަވެސް މިހާތަނަށް ޝަރުއީ އެއްވެސް ކޯޓަކުން އަދި އިދާރާއަކުން ވެސް އެފަދަ ގޮތަކަށް ކަނޑައަޅާފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަދީބު އަތުގަ ހުރި ފައިސާ މައްސަލައަކަށް ވެގެން މިއުޅެނީ އެމްއެމްޕީއާރްސީއާ ގުޅިގެން ނޫންތޯ، އޭގެ ކުރިން އަދީބުގެ އަތުގަ ހުރި ފައިސާއަކީ ހަލާލު ފައިސާތޯ ހަރާމް ފައިސާތޯ ކާކުތޯ ނިންމީ، ޖާނަލިސްޓުންނަށް ވެސް ނެތޭ އެ ހައްގެއް،" ޔާމީން ވިދާޅުވި އެވެ.