ހަބަރު

ފައިސާ ޖަމާކުރި މައްސަލަ އެއް އަހަރު ތެރޭ ނިންމަން ވަނީ އެއްބަސްވެފަ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވެފައިވާ ކަމަށް ރައީސް ޔާމީން
ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެ ފައިސާތައް ހުރީ އޭސީސީއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ބަޔާނުގައި ބުނެފައިވަނީ އޭނާ އަތުގައި ހުރި ފައިސާ ދިނުމަށް އެދުމުން އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނު އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާކުރި ކަމަށް ކަމަށެވެ.

ނަމަވެސް އެ ޗެކަކީ އެމަނިކުފާނު ދުށް ވެސް ޗެކެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ޗެކަކީ އެސްއޯއެފްއިން ދިން ޗެކެއްކަން ވެސް އެނގުނީ އޭސީސީއިން އެކަން ތަހުގީގުކުރުމުން ކަމަށެވެ.

"އެ ފައިސާ ބަހައްޓަން ޖެހުނު ސަބަބަކީ އެމްއެމްޕީއާރްސީގެ ފައިސާ އެ ހުރީ ދޮވެފަ އެސްއޯއެފްގެ ތެރެއިން، އެސްއޯއެފްގެ އެކައުންޓްތަކުގެ މައްސަލަ ބަލަމުންދާތީ އޭސީސީއިން އެ ފައިސާ ވެސް ހިފަހައްޓާފަ އެ ހުރީ، އެޔަކީ
އޭސީސީގެ ލާރިއެއް ނޫން، އެއީ އަޅުގަނޑު ވެސް އަތް ނުލާ ގޮތަށް އޭސީސީ ވެސް އަތް ނުލާ ގޮތަށް ފްރީޒްކޮށްފަ ހުރި ފައިސާއެއް،" ޔާމީން ވިދާޅުވި އެވެ.

"އޭސީސީއަށް ވެސް އެއަށް މުއްދަތެއް އެބަ އޮތް، އަޅުގަނޑު ހަނދާންވާ ގޮތުގައި މި މައްސަލަ ބަލާ ނިންމަން އަޅުގަނޑުމެން ދެ ފަރާތުން އެ އޮތީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެއްބަސްވެފަ، އެ މައްސަލަ ބަލާ ނިމިގެން އެސްއޯއެފްއަށް ވަންނަ ހުރިހާ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށްވާނަމަ ދެން ނިންމޭނީ މި ފައިސާއަކީ ވެސް ގޯސް ފައިސާއެއް ކަމަށް،"

ޔާމީން ވިދާޅުވީ އެސްއޯއެފްއަކީ ވެސް ވިޔަފާރި ކުރާ ކުންފުންޏަކަށްވާއިރު އެ ކުންފުންޏަށް ވަންނަ ހުރިހާ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާއަށް ވާން ނުޖެހޭ ކަމަށެވެ. އެސްއޯއެފްގެ ހުރިހާ ފައިސާއަކީ ހަރާމް ފައިސާއަށް ކަމަށް ނުނިންމޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މައްސަލަ އަދިވެސް ތަހުގީގު ކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު މީގެކުރިން އޭސީސީއިން އޮތީ މައްސަލަ ވަގުތީ ގޮތުން ފައިލްކޮށްފަ އެވެ.

އެމައްސަލައިގެ ތަހުގީގަށްފަހު އޭސީސީން އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، މައްސަލާގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސްގެ ނަމުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ޕްރައިވެޓް ކުންފުންޏަކުން ފަސް ލައްކަ އެމެރިކާ ޑޮލަރު 13 އޮކްޓޫބަރު 2015 ގައި ޖަމާކޮށްފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު 15 ދުވަހު އަނެއްކާ ވެސް ފަސް ލައްކަ ޑޮލަރު ރައީސްގެ އެކައުންޓަށް އެ ކުންފުނިން ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.

އެއީ ޖުމްލަ އެއް މިލިއަން ޑޮލަރެވެ. އެއީ ރުފިޔާ އިން ބަލާއިރު، 15.4 މިލިއަން ރުފިޔާ އެވެ. މައްސަލައާ ގުޅިގެން ރައީސް އާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ ތަހުގީގުގައި ސުވާލުކޮށްފައިވާނެ ކަމަށް އޭސީސީއިން ބުނެ އެވެ.

އޭސީސީއިން އިތުރަށް ބުނެފައިވަނީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވި ތަހުގީގު ފުރިހަމަ ކުރެވޭނީ ރައީސް ޔާމީން އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނީގެ ވެރިން ތަހުގީގަށް ހާޒިރުކުރެވި އެފަރާތްތަކުގެ ބަސް ހޯދައިގެން ކަމަށެވެ. އެފަރާތްތައް ހާޒިރުކުރެވެންދެން މައްސަލަ ފައިލްކުރުމަށް އޭސީސީއިން ވަނީ ނިންމާފައި ކަމަށް ރިޕޯޓްގައިވެ އެވެ. އެކަން
ނިންމީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.