ދުނިޔެ

ޕާކިސްތާނުގައި ރޯދަ ނިމެންދެން މަރުގެ އަދަބު ދިނުން ހުއްޓާލައިފި

Jun 20, 2015

ރޯދަމަސް ނިމެންދެން މަރުގެ އަދަބު ތަންފީޒުކުރުން ޕާކިސްތާން ސަރުކާރުން އިއްޔެ މެދުކަނޑާލައިފި އެވެ.

ބޮޑުވަޒީރު ނަވާޒް ޝަރީފުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެއީ ރޯދަމަހުގެ "ބަރަކާތްތެރިކަމަށް އިހުތިރާމް ކުރުމުގެ ގޮތުން" ނިންމި ނިންމުމެކެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރުން އެއް މަސްދުވަހަށް މެދުކަނޑާލުމަށް އިންޓީރިއާ މިނިސްޓްރީ އާއި ޕްރޮވިންސްތަކުގެ ވެރިންނަށް އަންގާފައިވާ ކަމަށް ބުންޏެވެ.

މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮންނަތާ ހަތް އަހަރު ފަހުން މިދިޔަ ޑިސެމްބަރު މަހު ޕާކިސްތާނުގައި ވަނީ މަރުގެ އަދަބު ދޭން ފަށާފަ އެވެ. އެއީ ހަނގުރާމަވެރިންގެ ބަޔަކު އެ ގައުމުގެ ސްކޫލަކަށް ހަމަލާދީ އެތައް ސަތޭކަ ކުދިންނެއް މަރާލި ހަމަލާއާ ގުޅިގެންނެވެ. އެ އަށް ފަހު، މިހާތަނަށް 170 އަށް ވުރެ ގިނަ މީހުންނަށް ވަނީ މަރުގެ އަދަބު ދީފަ އެވެ. އެ ގޮތުން، މިދިޔަ ހަފުތާގައި އެކަނި ވެސް 15 މީހަކަށް އެ އަދަބު ދީފައިވެ އެވެ.

މުޅި ދުނިޔޭގައި ވެސް މަރަން ހުކުމްކޮށްފައި ތިބި މީހުން އެންމެ ގިނައީ ޕާކިސްތާނުގަ އެވެ. އެ ގޮތުން، އެ ހުކުމް އިއްވާފައި ތިބި 8،000 އަށް ވުރެ ގިނަ މީހުން އެ ގައުމުގެ ޖަލުތަކުގައި އެބަތިއްބެވެ.