ހަބަރު

ނަޝީދު މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވާކަން ހާމަކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައި، އެކަން މިރޭ ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.

ރައީސް ނަޝީދު މަޖިލީހަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ މިރޭ މައްޗަންގޮޅިގައި މަޖިލިސް ކެމްޕެއިން ހަރަކާތްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުން މަޖިލީހަށް ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ އެމަނިކުފާނު މަޖިލީހަށް ކުރިމަތިލައްވަން އުުޅުއްވާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.

ރައީސް ނަޝީދު މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވާއިރު މިހާރު ވެސް އެ ދާއިރާއަށް އެހެން ބޭފުޅަކު ދަނީ ކެމްޕެއިން ކުރައްވަމުންނެވެ. އާޝިޔަތު އަލައިކާ އަދުނާން އެ ދާއިރާއަށް ރަސްމީކޮށް ކެމްޕެއިން ކުރައްވައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރަމުންދާއިރު އޭނާ ވަނީ ތާއިދު ފޯމް ވެސް ހަމަކޮށްފަ ކަމަށްވެ އެވެ.

މައްޗަންގޮޅީގައި މިހާރު އޮންނަނީ ދެ ދާއިރާ އެވެ. އެއީ މައްޗަންގޮޅި އުތުރު ދާއިރާ އާއި މައްޗަންގޮޅި ދެކުނު ދާއިރާ އެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މާރިޔާ އަހުމަދު ދީދީ ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމުން އެ ގޮނޑި ވަނީ ހުސްވެފަ އެވެ. މީގެ އިތުރަށް އިލެކްޝަންސް ކޮމިޝަމުން ބުނެފައި ވަނީ މައްޗަންގޮޅިއަށް މިފަހަރު އާ ދާއިރާއެއް އިތުރުވާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ފެއްޓެވީ ވެސް 1999 ގައި ރައްޔިތުން މަޖިލީހަށް ވާދަކޮށް އޭރު މާލޭގެ ދެ ގޮނޑިން ކުރެ އެއް ގޮނޑި ކާމިޔާބު ކުރައްވައިގެން އެވެ. އެހެން ނަމަވެސް ވެލާނާގެއިން ލިޔުންތަކެއް ނެގި މައްސަލައެއް ސާބިތުވެ އެމަނިކުފާނުގެ މެންބަރުކަން އެފަހަރު ގެއްލުނެވެ.

ރައީސް ނަޝީދު ގެންދަވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމުގެ މަަސައްކަތްތައް ކުރައްވަމުންނެވެ. އެމަނިކުފާނު އެ ނިޒާމަށް ތާއިދު ކުރައްވާއިރު މަޖިލީހަށް ވާދަ ކުރައްވަނީ ބޮޑު ވަޒީރަކަށް ވެވަޑައިގަތުމުގެ އުއްމީދާއި އަޒުމުގައި ކަމަށްވެ އެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރެއް އުފެދިގެން ދާނީ މަޖިލީހުގެ ތެރެއިންނެވެ. އާންމުކޮށް ރައީސްގެ މަގާމަކީ ރަމްޒީ މަގާމެކެވެ. މިހާރު ރާއްޖޭގައި އޮތީ ރައީސްގެ އަތުގައި ބާރުތައް އޮންނަ ރިޔާސީ ނިޒާމެވެ.