ބޮލީވުޑް

މޮޅު ނެށުންތަކެއް، އެހެންނަމަވެސް މޮޅު ވާހަކައެއް ނެތް

Jun 20, 2015

ޑައިރެކްޓަރު ރެމޯ ޑިސޫޒާ މިވަނީ 2013 ވަނަ އަހަރު ނިކުތް ޑާންސް ފިލްމު "އޭބީސީޑީ"ގެ ސީކުލް "އޭބީސީޑީ2” އާއިއެކު އެނބުރި އައިސްފަ އެވެ.

ކުރީގެ ފިލްމާއި ހިލާފަތް ބޮލީވުޑްގެ އަރަމުން އަންނަ ދެތަރިން ކަމަށްވާ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރު ލީޑްރޯލުގައި ހިމަނައިގެން އުފައްދާފައިވާ މިފިލްމުގެ ލަވަތަކާއި ޓްރެއިލާ އަށް ބެލުންތެރިންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

ލަސް ވޭގަސްގައި އޮންނަ ނެށުމުގެ މުބާރާތެއްގައި ބައިވެރިވާ ނެށުންތެރިންގެ ހަޔާތް ދައްކުވައިދޭ މިފިލްމު އިއްޔެ ސިނަމާތަކުގައި ދައްކަން ފަށާފައިވާއިރު، މިއަހަރު މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ރިލިޒްކުރިދުވަހު އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ފިލްމު "ގައްބަރް އިޒް ބެކް" އަށް ވުރެން ގިނަ މީހުން މިފިލްމު ބަލަން މީހުން ސިނަމާތަކަށް ވަދެފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

“އޭބީސީޑީ 2” ގެ ފެށުން ރަނގަޅުކަމަށް ބުނަމުން ޓްރޭޑް އެނަލިސްޓް ކޮމަލް ނަހްތާ ބުނެފައިވަނީ. އުންމީދުކުރި ގޮތަށް މިފިލްމުގެ ފެށުން ރަނގަޅުކަމަށެވެ.

އެހެންނަމަވެސް ފާޑުކިޔާފަރާތްތަކުން ވަނީ ލިޑްރޯލުން ފެނިގެންދާ ވަރުން އާއި ޝްރަދާގެ ޑާންސްތަކަށް ކިތަންމެ ހިތްގައިމު ނަމަވެސް، މިފިލްމުގެ އަސްލު ބަތަލުންނަކި ސަޕޯޓިން ރޯލުތަކުން ފެނިގެންދާ ޑާންސަރުން ކަމަށެވެ. އަދި މުޅި ފިލްމުގައިވެސް ފެނިގެންދާ ޑާންސްތަކުން އެމީހުންގެ ހަރަކާތްތަކަށް ކަޅި ނުހުއްޓި ނުދާނެ އެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޑައިރެކްޓަރު ރެމޯ މިފިލްމުގައި ހިމަނާފައިވާ ޑާންސަރުންތަކަކީ އިންޑިއާގައި މިވަގުތު ތިބި އެންމެ ކުޅަދާނަ ޑާންސަރުންތަކެވެ.

މިފިލްމަކީ ޑާންސް ފިލްމެއް ނަމަވެސް، ފިލްމުގައި ފެނިގެންދާ ޕާފޯމަންސްތައް މާ ވަރުގަދަ ނޫންކަަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.އެހެންކަމުން މިއީ މުޅު ފިލްމުގެވެސް އެންމެ ބޮޑު ބަލިފަ އެވެ. ނަމަވެސް، ފިލްމުގައި ސްޓޯރީ ލައިންއެއް ހިމެނިފައިވާތީ އެއްވެސް ހަމައެއްނެތި ފިލްމުގައި ހިމެނިފައިވާ ނެށުންތަކުގެ ފޫބައްދާދެ އެވެ.މީގެއިތުރުންވެސް އިންޓަވަލްގެ ފަހުން، ފިލްމުގައި ބޭކާރު ގިނަ ޑާން އެކްޓްތައް ހިމެނިފައިވާކަންވެސް ފާހަގަ ކުރެވެ އެވެ.

އެވްރެޖްކޮށް މިފިލްމަކީ ޑާންސްއަށް ލޯބިކުރާ ފަރާތްތަކުން ބަލާނެ ފިލްމަކަށް ވިޔަސް، މޮޅު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ބަލުމުގެ އުންމީދުގައި ސިނަމާތަކަށް ދާ މީހުން ޔަގީނުންވެސް މާޔޫސްވާނެ އެވެ.

މީގެއިތުރުންވެސް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން، ފިލްމު ޕްރިމިއާކުރި ޝޯތަކަށް މިއަހަރުގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ވަދެފައިވާ ފިލްމަކަށް މިހާރު މިފިލްމު ވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން މިއީ ރޯދަމަސްކަމުގައިވީ ނަމަވެސް، ހެނދުނުގެ ޝޯތަށް 45-50 ޕަސެންޓް ފުރިފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމު"ގައްބަރް އިޒް ބެކް" ޖުމްލަ 3300 އެއްހާ ސިނަމާތަކުގައި ދައްކާފައިވާއިރު، "އޭބީސީޑީ 2” ދައްކަމުން އަންނަނީ 2500 އެއްހާ ސިނަމާތަކުގަ އެވެ.

ވަރުން އާއި ޝްރަދާގެ އިތުރުން ޕްރަބޫދޭވާ ވެސް މުހިންމު ރޯލުން ފެނިގެންދާ މިފިލްމަށް ޔޫ ސާޓިފިކޭޓް ލިބިފައިވާތީ ހަވީރު އަދި ރޭގަނޑުގެ ޝޯތަކަށް ވަންނަ މީހުން ގިނަވާނެ ކަމަށް ބެލެވެ އެވެ.ގުޖްރާތް އާއި ޖޭޕުރްގައި މިފިލްމަށް ބޮޑު ތަރުހީބެއް ލިބިގެން އަންނައިރު، ދިއްލީއާއި ޕަންޖާބުގެ އިތުރުން އުއްތަރަ ޕްރަދޭޝްގައި ފިލްމަށް ލިބުން އަންނަ ތަރުހީބު ރަނގަޅުކަމަށްވެ އެވެ.

މިދިޔަ ހަފްތާގައި ރިލީޒްކުރި އިމްރާން ހާޝިމީ އާއި ވިދްޔާ ބާލަންގެ "ހަމާރީ އަދޫރީ ކަހާނީ" އަށް ފުރަތަމަ ހަފްތާގައި 26 ކްރޯޑް (260 މިލިއަން) ރުޕީޒް ލިބިގެން ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައިވާއިރު، "އޭބީސީޑީ 2” ބަލަން ގިނަ އަދަދެއްގެ ބައެއް ސިނަމާތަކަށް ވަނުމުގެ ސަބަބުން "ހަމާރީ އަދޫރީ ކަހާނީ" ގެ ވިޔަފާރިއަށް އަސަރުތަކެއް ކުރާނެކަން ގައިމެވެ.