ހަބަރު

ހުސްނުވާ ބޭހުގެ ނިޒާމާއި މެޑިކަލް ޓޫރިޒަމް ތައާރަފްކުރަނީ

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މެޑިކަލް ޓޫރިޒަމް ތަރައްގީ ކުރަން ހާއްސަ ޕްރޮގްރާމަކާ އެކު ހުސްނުވާ ބޭހުގެ ނިޒާމެއް ތައާރަފް ކުރަަން އަމާޒު ހިފާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާޔާ ވާހަކަދައްކަވަމުން، މިނިސްޓަރު އަމީން ވިދާޅުވީ، އެ މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ސިއްހީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ، ފެންވަރު ރަނގަޅު އަދި ހަރަދުކުޑަ ހިދުމަތްދެވޭ ނިޒާމަކަށް ހެދުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލް ވުމަށް ކުރަންޖެހޭ މަސައްކަތްތައް ހުރި ކަމަށާއި، ރާއްޖޭގެ ސިއްހީ ހާލަތު އޮތީ ކަންބޮޑުވާންޖެހޭ ވަރުގެ ހާލަތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހާއްސަކޮށް ރަށްރަށުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ފެންވަރާއި ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ދަތިތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކުގައި އަދި ހާއްސަކޮށް ގެސްޓުހައުސްގެ ވިޔަފާރި ކުރާ ރަށްރަށުގައި މެޑިކަލް ޓޫރިޒަމްގެ ކޮންސެޕްޓު އެކުލަވާލާ އެ ސިޔާސަތާ އެއްގޮތަށް ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ބައްޓަން ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މިއީ އެންމެ މަަތީ ފެންވަރުގެ ހިދުމަތްދޭ ތަންތަނަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް މިއަދުގެ ޕްރެސް ބްރީފިންގައި އަމީން ވަނީ ވިދާޅުވެފަ އެވެ.

"ފަތުރުވެރިކަމުގެ ކުރިއެރުން ހޯދާފައިވާ ރަށްތައް، ހާއްސަކޮށް ގެސްޓު ހައުސް ގޮތުގައި ފާހަގަކުރެވޭ ރަށްރަށުގައި ހުންނަ ސިއްހީ މަރުކަޒު ތަކާއި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތައްވެސް އަލުން ބައްޓަން ކުރާނީ މެޑިކަލް ޓޫރިޒަމަށް މަގުފަހިވާނެ ވިސްނުމެއްގައި އަދި އެ ތަސައްވަރުގެ މަތިން. އަދި އެތަންތަނުން ދެވޭ ހިދުމަތްތަކަކީ އެތަންތަނަށް ޒިޔާރަތްކުރާ މީހުން ބަލައިގަންނަ އަދި ދިވެހި ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ހިދުމަަތްދެވޭ ތަންތަނަށް ހެދުމަށް މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

100 ދުވަހުގެ ތެރޭ ކުރާނެކަންކަން:

  • ނެޝަނަލް އެމަޖެންސީ ކެއާގެ ނިޒާމެއް ތައާރަފު ކުރުން
  • ނެޝަނަލް އެމްބިއުލެންސް ހިދުމަތް ތައާރަފު ކުރުން
  • މެންޓަލް ހެލްތް އިންސްޓިޓިއުޓެއް ގާއިމް ކުރުން
  • ނަފްސާނީ ބަލިތަކަށް އާސަންދަ ދިނުން
  • ހުސްނުވާ ބޭހުގެ ނިޒާމެއް ތައާރަފު ކުރުން
  • ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރު މަތި ކުރުން
  • އަތޮޅު ތެރޭގައި އިތުރު ޓާޝެރީ ހޮސްޕިޓަލްތަކެއް އެޅުން
  • ހަކުރު ބަލީގެ ފަރުވާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުން
  • މެޑިކަލް ޓޫރިޒަމް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުން
  • ގްރީން ހޮސްޕިޓަލް ކޮންސެޕްޓް ތައާރަފު ކުރުން
  • ހުރިހާ ސިއްހީ ހިދުމަތެއް އެއް ވިއުގަ އަކުން ގުޅާލުން
  • އައިޖީއެމްއެޗްގެ ކިޔޫ ކުޑަކޮށްދިނުން
  • ދިވެހި ބޭސްވެރިކަމުގެ މަހާ ސިންތާއެއް ބޭއްވުން
  • ރާއްޖޭގައި މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއް ފެށުން

ސިއްހީ ދާއިރާއަކީ ރާއްޖޭގައި އެންމެ ގޮންޖެހުންތައް ގިނަ ދާއިރާ ކަމަށް ވިޔަސް އެ ދަތިތަކާއެކު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން އަމާޒު ކުރާ މަސަކަތްތައް ކުރަން ފަށާނެ ކަމުގެ ޔަގީންކަން ވަނީ މިނިސްޓަރު ދެއްވާފަ އެވެ.