ހަބަރު

ވިއްސާރައިގައި ގެއްލުންވެ ޕީއެސްއެމް، ވީޓީވީގެ ހިދުމަތް މެދުކެނޑިއްޖެ

މާލެ އަށް ކުރަމުންދާ ވިއްސާރައިގައި ޕީއެސްއެމް ހިންގާ އިމާރާތާއި، ވީޓީވީ ހިންގާ އިމާރާތަށް ގެއްލުންވެ ދެ ސްޓޭޝަންގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

މިއަދު ހެނދުން ފެށިގެން މާލޭއަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، އަދިވެސް ވާރޭ ތުނިކޮށް ނުލަ އެވެ. މެޓް އޮފީހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10:00 ން މެންދުރުފަހު 1:00 އާ ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4:45 އާ ހަމައަށް މާލެއަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

ޕީއެސްއެމުން ބުނީ އެ ކުންފުނިން ހިންގާ ޗެނަލްތަކުގެ ހިދުމަތް މެދުކަނޑާލަން ޖެހުނީ ޓީވީ އިމާރާތަށް ވިއްސާރައިގެ ސަބަބުން ގެއްލުންވުމުން ކަމަށާއި، ޓީވީގެ ހިދުމަތް މެދުކެނޑުނު ނަމަވެސް، އޮންލައިނާއި، ރޭޑިއޯގެ ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

ވީޓީވީއިން ވެސް ވަނީ ވީޓީވީ ހިންގާ އިމާރާތުގައި ފެންބޮޑުވުމާއި ގުޅިގެން އެ ސްޓޭޝަންގެ ޓްރާންސްމިޝަން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ބުނެފައެވެ.

މާލޭގައި ފެންބޮޑުވެފައިވާ އިރު، އެމްއެންޑީއެފާއި، ފުލުހުންގެ އިތުރުން އާމުން އަންނަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.