ހަބަރު

ވިއްސާރައިގެ ސަބަބުން ދެގެއަކުން މީހުން ނެރެންޖެހުނު: މާރިޔާ

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ދެ ގެއަކަށް ގެއްލުންވެ މީހުން ނެރެންޖެހުނު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާލެއަށް ކުރަމުންދާ ވިއްސާރަޔާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ މާލޭގައި ފެންބޮޑުވެފައިވާ މައްސަލަ ހައްލު ކުރުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން އެމްއެންޑީއެެފްގެ ހުރިހާ ޓްރޫޕްސްތަށް ޑިޕްލޯއިކޮށްފައިވާ ކަމަށެވެ.

މާލޭގެ 14 ޕޮއިންޓެއްގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ކާޑު ގުދަންތަކަށް ފެން ނުވަންނާނެހެން ބަސްތާޖަހައި ކާޑުތަށް ސަލާމަތްކުރުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

"ގެއްލުނު ލިބުނު ފަރާތްތަކަށް އެހީވުމުގައި އަޅުގަނޑުމެންގެ ޔުނިޓްތައް އެބަ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ. އެގޮތުން ދެ ގެއަކުން ވަނީ މީހުން ވެސް ހުސްކޮށްފައި އެގެތަކުގައި ފެންބޮޑުވުމުގެ ސަބަބުން،" މިިނިސްޓަރު ވިދާޅުވި އެވެ.

އެމްއެންޑިއެފުން ބުނީ މިއަދު 9 އަކުން ފެށިގެން ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެމަސައްކަތް ކުރަމުން އަންނަނީ ފުލުހުންނާއިވެސް ގުޅިގެން ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ގިނަ ޕަންޕުަތަކެއް ބަހައްޓާފައިވާ ކަމަށާއި، އައިޖީއެމްއެޗް ކައިރީގައި އެންމެ ބޮޑެތި ޕަންޕްތައް ޖައްސައިގެން ފެން ހިންދާލުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުންވެސް ވަނީ މުޅި ރާއްޖޭގެ ހާލަތު މޮނިޓާ ކުރަމުންދާކަމަށް ބުނެފައެވެ. މިއަދު ހެނދުނުން ފެށިގެން މާލޭއަށް ބޯކޮށް ވާރޭ ވެހެމުންދާއިރު، މިހާރު ވަނީ ވާރޭ ތުނިކޮށްލާފައެވެ. މެޓް އޮފީހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10:00 ން މެންދުރުފަހު 1:00 އާ ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މެޓް އޮފީހުން ވަނީ މިއަދު ހަވީރު 4:45 އާ ހަމައަށް މާލެއަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.