ހަބަރު

އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލްނުވާ ގޮތަށް ބިލް ބަދަލުކުރާނަން: އޭޖީ

އެއްވެސް ގާނޫނީ ވަކީލެއްގެ ހުއްދަ ބާތިލް ނުވާ ގޮތަށް ދިވެހިރާއްޖޭގެ ގާނޫނީ ހިދުމަތުގެ ބިލް އިސްލާހު ކުރައްވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ރިފްއަތު އެހެން ވިދާޅުވެފައިވަނީ ހަމައެކަނި ޝަރީއާ ކިޔަވައިގެން ތިބި ވަކީލުންގެ ހުއްދަ ގެއްލޭ ގޮތަށް އެ ބިލްގައި ހިމަނާފައިވާތީ އެވެ. އެކަމާ ގުޅިގެން ގިނަ ވަކީލުންތަކެއް ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަކީލުންގެ ކަންކަން ހަރުދަނާ ކުރުމަށް މަފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގާނޫނީ ހިދުމަތުގެ ބިލުގައި ވަކީލު ކަމުގެ ހުއްދަ ދޭނެ ޝަރުތައް ވަނީ ހިމަނާފަ އެވެ.

އެގޮތުން ވަކީލު ކަމުގެ ހުއްދަ ދެވޭނީ ގާނޫނުގައިވާ ތަމްރީނުތައް ހާސިލްކޮށްފައިވާ މީހުންނަށް ކަމަށް ވަނީ ބުނެފަ އެވެ. ބިލްގައިވާ ގޮތުން ވަކީލު ކަމުގެ ހުއްދަ ދޭން ވަނީ ޝަރީއާ އެންޑް ލޯއިން ޑިޕްލޮމާ ނުވަތަ ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހާސިލްކޮށްފައިވާ މީހުނަށެވެ.

އެ ގާނޫނަށް އަމަލުކުރަން ފަށާތާ، ތިން އަހަރު ދުވަހުގެ ތެރޭގައި އެ ސަނަދުތައް ނެތް މީހުން، ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރަން ޖެހޭނެ ކަމަށާއި ނޫންނަމަ އެމީހުންގެ ގާނޫނީ ވަކީލް ކަމުގެ ހުއްދަ ބާތިލްވެގެން ދާނެ ކަމަށް ބިލްގައިވެ އެވެ.

ހަމައެކަނި ޝަރީއާ ކިޔަވައިގެން ރާއްޖޭގައި ގިނަ ބަޔަކު ގާނޫނީ ވަކީލުކަން ކުރެ އެވެ. އާންމުކޮށް އިސްލާމިކް ޔުނިވާސިޓީތަކުގައި ކިޔަވައިދެނީ ހަމައެކަނި ޝަރީއާ އެވެ. އެގޮތުން މަދީނާ ފަދަ ގައުމުތަކުން ތައުލީމް ހާސިލް ކޮށްފައިވާ މީހުން ލޯ ކިޔަވާފައެއް ނުވެ އެވެ.

އެ ބިލް މިހާރު ވަނީ ކޮމެޓީ މަރުހަލާގަ އެވެ. އަދި އާންމުންގެ ހިޔާލު ބިލަށް ހުށަހަޅަން ވެސް ވަނީ ހުޅުވާލާފަ އެވެ.