ލާދީނީ ފިކުރުތައް ދިވެހި ޒުވާން ހިތްތަކަށް ނުފޫޒު ފޯރުވަމުންދާ ފަދައިން ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުން ވެސް އެތައް ޒުވާނުން މަގު އޮޅެމުންދާ ކަމަށް ރައީސް އިބްރާހީމް މުހުއްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި ރައީސް ސޯލިހް ވިދާޅުވީ، އިސްލާމްދީނުގެ ސާފު އަގީދާއިން ބޭރުވެގެން ދަނީ ވެސް އަދި ދީނީ ގޮތުން ހައްދުފަހަނައަޅައި ލާއިންސާނީ ހަރުކަށި އަމަލުތަކަށް އަރައިގަންނަނީ ވެސް އިސްލާމްދީނުގެ ލުއިފަސޭހަކަމާއި އިސްލާމްދީނުގައިވާ ރަހްމާއި އޯގާތެރިކަމާއި ހަމްދަރުދީގެ މަތިވެރި އުސޫލުތަކާއި ހަމަތައް ނޭނގޭތީ ކަމަށެވެ.
"އެހެންކަމުން ދިވެހި ޅަދަރީންގެ ހިތްތަކުގައި އިސްލާމްދީނުގެ ރަނގަޅު މައުލޫމާތު ހަރުލައްވައިދިނުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ތަރުބަވީ މުއައްސަސާތަކާއި މުދައްރިސުންނަށް އިލްތިމާސް ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ އިސްލާމީ އަގީދާގެ އެއްބައިވަންތަކަން ކަމަށެވެ. އަދި ދިވެހިންނާ ކުރިމަތިވާ ބޭރުގެ ލާދީނީ އޮއިވަރުތަކުން ރާއްޖެ ހިމާޔަތްކޮށް ދިފާއުކޮށްދޭ އެންމެ ވަރުގަދަ އައްޑަނައަކީ ވެސް އިސްލާމީ އަގީދާގެ ސާބިތުކަމާއި ހަރުދަނާކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިސްލާމްދީނުގެ ނަމުގައި ފަތުރަމުންދާ ނުރަނގަޅު މައުލޫމާތުގެ ސަބަބުން އެތައް ދިވެހީންނެއް މަގުއޮޅި، ލޯބިވާ އާއިލާތަކާ ވަކިވެ، މި ދުނިޔެ ދޫކުރަމުންދާކަމީ ދިވެހިން ނުހަނު ހިތާމަކުރާ ކަމެއް ކަމަށދެވެ. އަދި ލާދީނީ ފިކުރުތައް ދިވެހި ޒުވާން ހިތްތަކަށް ނުފޫޒު ފޯރުވަމުންދާ ފަދައިން ދީނުގެ ހަރުކަށި ފިކުރުތަކުގެ ސަބަބުންވެސް އެތައް ޒުވާނުންނެއް މަގުއޮޅެމުންދާކަން މިއަދު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.