މެންޗެސްޓާ ސިޓީ

ޗެލްސީން ސިޓީއަށް ރަނގަޅު ފިލާވަޅެއް ނަގައިދީފި!

ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި، ޗެލްސީ އަތުން 2-0 ބަލިވެ، މެންޗެސްޓާ ސިޓީއަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެ ކަމަށް، ސިޓީގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލާ ބުނެފި އެވެ.

ޗެލްސީ އަތުން ބަލިވި މެޗަކީ، މި ސީޒަންގެ ސިޓީ އަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ. ޗެލްސީ މޮޅުކޮށްދިން ލަނޑުތައް ކާމިޔާބު ކުރީ އެންގޯލާން ކަންޓޭ އާއި ޑޭވިޑް ލުއިޒް އެވެ. ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ ޓީމު އަތުރާލާފައިވާ ގޮތުން އެޑެން ހަޒާޑްގެ ދައުރު މެޗުގައި ބޮޑުވެގެން ދިޔަ އެވެ. އޭނާ ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން އަދި ފޯވަޑެއްގެ ދައުރުވެސް އަދާ ކުރަމުންނެވެ.

ޗެލްސީގެ ދެ ލަނޑު ޖެހުމުގައިވެސް އޭނާގެ ހިއްސާ އޮތެވެ. ފުރަތަމަ ލަނޑު 45 ވަނަ މިނެޓްގައި ކަންޓޭ ކާމިޔާބު ކުރީ، ހަޒާޑް އޭރިއާ ތެރޭގައި ހުރެފައި ގޯލްގެ ކުރިމައްޗަށް ނަގައިދިން ބޯޅައިންނެވެ. މާކޯ އެލޮންސޯ، ސިޓީގެ އޭރިއާގެ ބޭރުގައި ހުރެފައި، ބޯޅަ ދިނީ އޭރިއާގެ އެތޭރޭގައި ހުރި ހަޒާޑަށެވެ. އޭރިއާ ތެރޭގައި އޭނާ އެބޯޅަ ކޮށްޓަން މަސައްކަތް ކުރިއިރުވެސް ސިޓީގެ ޑިފެންޑަރުންނަށް އެ ބޯޅަ ހޯދާކަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. ދެން އޭނާ އެ ބޯޅަ ނަގައިދިނީ ގޯލް ކުރިމައްޗަށެވެ. އޭރިއާ ބޭރުގައި ހުރެފައި ދުވެފައި އައިސް ކަންޓޭ ވަނީ ބޯޅަ ފޮނުވާލައި ޗެލްސީގެ ގޯލްގެ ދާގަނޑުގައި ބޯޅަ ތަތްކޮށްލާފަ އެވެ.

ދެ ވަނަ ލަނޑު ޑޭވިޑް ލުއިޒް ކާމިޔާބު ކުރީ، މެޗުގެ 78 ވަނަ މިނެޓްގައި، ހަޒާޑް ނެގި ކޯނަރުން ތަނަވަސްވި ބޯޅަ ބޮލުން ގޯލްތެރެއަށް ވައްދާލައިގެންނެވެ.

"ދެ ވަނަ ހާފުގެ ފުރަތަމަ 10 ވަރަކަށް މިނެޓްގައި އެ ޓީމު [ޗެލްސީ] އަހަރެމެންނަށް ވުރެ ރަނގަޅަށް ކުޅުނު، އޭގެ ފަހުން އަދި ފުރަތަމަ ހާފުގައިވެސް އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނިން، މެނޭޖަރު [ކޯޗު] ގެ ހައިސިއްޔަތުން އަހަރެންގެ ކުޅުންތެރިންގެ ކުޅުން ބަލާލަން އިނދެވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.

"އަހަރެމެންގެ ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް، ގިނަ ބޯޅަތަކެއް އަހަރެމެންނަށް ހޯދުނު، ހަމަލާ އުފެއްދި ލަނޑުޖަހަން ފުރުސަތު ތަނަވަސް ކުރެވުނު، ފުރަތަމަ ހާފުގައިވެސް ލަނޑު ޖަހާނެ އެކެއް ނުވަތަ ދެ ބޯޅަ ލިބުނު، ނަމަވެސް ނަސީބު ދެރަކަމުން އެކަމެއް އަހަރެމެންނަކަށް ނުވި، އެކަމަކު މިއީވެސް ރަނގަޅު ފިލާވަޅެއް."

ސިޓީއަށް ކުރިމަތިވި ބައްޔާއެކު، އެ ޓީމަށް ވަނީ ތާވަލުގެ އެއް ވަނަ މަގާމު ގެއްލިފަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ، އިއްޔެ މުހައްމަދު ސަލާހްގެ ހެޓްރިކުން ބޯންމައުތު ބަލި ކުރި، ލިވަޕޫލެވެ.

ޕްރިމިއާ ލީގް މިހާރު ކާމިޔާބު ކުރުމުގައި ފޭވަރިޓަކީ ލިވަޕޫލް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތްތޯ ސުވާލު ކުރުމުން ގާޑިއޯލާ ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. އޭނާ ބުނީ، ލިވަޕޫލަކީ ފޭވަރިޓް ކަމަށް އަދި އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

"ސަބަބަކީ އެމީހުން ކުރީގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތަކުން، އިއްޔަ އަހަރެމެން މީ ފޭވަރިޓް، އެންމެ 24 ގަޑިއިރު ތެރޭގައި އެކަން ބަދަލުވޭތަ." ގާޑިއޯލާ ވާހަކަ ދެއްކި އެވެ. މި ސީޒަންގެ ލީގް ޗެމްޕިއަންކަން ސިޓީން ހޯދި ނަމަވެސް 2004 ވަަނަ އަހަރު އެއްވެސް މެޗަކުން ބަލި ނުވެ އާސެނަލް ލީގް ހޯދި ގޮތަށް އެ ރެކޯޑާއެކު ސީޓީއަށް ލީގް ލިބޭކަށް ނެތެވެ.

"އަހަރެމެން މިތިބީ އެހެން ބަޔަކު ކޮށްފައިއޮތް ކަމެއް ފުރޮޅާލައި އެކަން ބަދަލު ކުރާކަށް ނޫން،" ގާޑިއޯލާ ބުންޏެވެ. "އަހަރެމެން މި މަސައްކަތް ކުރަނީ ޗެމްޕިއަންކަން ހޯދަން."