ތިމާވެށި

ކުނި އަޅާ މީހުން ހޯދަން ފުލުހުން ނެރޭނަން: ސިޓީ ކައުންސިލް

މާލޭ ސިޓީގެ މަގުތަކަށް ކުނިއެޅުން ހުއްޓުވުމަށް އެންވަޔަރުމެންޓް ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔާ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތަކަށް ކުނިއެޅުމުގެ މައްސަލައާ ބެހޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއެެއްގައި ޝިފާ ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުން އެންމެ ގިނައިން ކުނި އުކާލާ ސަރަހައްދުތަށް ދެނެގަންނަން މަސައްްކަތްކުރަމުންދާ ކަމަށާއި، އެ ސަރަހައްދުތަށް ދެނެގަނެ އެންވަޔަރުމެންޓް ފުލުހުން އެ ތަންތަނުގައި ބައިތިއްބާނެ ކަމަށެވެ. އެކަން ކުރަން ފުލުހުންގެ ކިބައިން އެދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އައިޑެންޓިފައިކުރާނަން މީހުން އާއްމުކޮށް ކުނި ޖަމާކުރަމުންދާ ތަންތަން. އަދި އެތަންތަން ބެލެހެއްޓުމަށް ފުލުހުންގެ ކިބައިން އެދޭނަން" ޝިފާ ވިދާޅުިއެވެ.

ޝިފާ އިތުރަށް ވިދާޅުވީ ކުނިއަޅާ ސަރަހައްދުތަކުގައި ފުލުހުން ބޭއްތިބުުމުގެ ބޭނުމަކީ ކުނިއަޅާ މީހުން ދެނެގަތުން ކަމަށާއި އަދި ދާއިމީގޮތެއްގައި ކުނި ބަހައްޓާ މީހުން ދެނެގަނެ އެކަން ކުރުން ހުއްޓުވުން ކަމަށެވެ.

'އެތަންތަނަށް ކުނި އަޅަނީ ކޮންބައެއްތޯ ބަލައިދެއްވުމަށް. ދާއިމީގޮތެއްގައި އަޅުގަނޑުމެން އެދެނީ ގޭގޭގެ ކައިރީގައި އާއްމުކޮށް ކުނި ބަހައްޓަނީ ކޮންބައެއްތޯ ބަލާ، އެކަންކަން ހުއްޓުވުމަށް." ޝިފާ ވިދާޅުވި އެވެ.

ރައީސް އިބަރާހީމް މުހައްމަދު ސޯލިހު ވަނީ މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް އިއްޔެ ފައްޓަވައިދެއްވާފަ އެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް ވަނީ ބުނެފަ އެވެ.

ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖެ ސާފު ކުރުމުގެ ކެމްޕޭން ފެށުމަށް އިއްޔެ މާފަންނު އެކުވެނި ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ދައުލަތުގެ ވަޒީރުންނާއި، މާލޭ ސިޓީގެ މޭޔަރާއި، ޑަބްލިޔުއެޗްއޯ ރެޕްރެޒެންޓެޓިވް ޑޮކްޓަރު އަރްވިންދް މާތުރް ވެސް ވަނީ އަމަލީގޮތުން އެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.