މީހުން

އިޔާޒު: ތާރީޚާއި ދަރިކޮޅުތަކާއި ބަހުގެ ތަޖުރިބާ ލޯތްބާއެކު

"މިސާލަކަށް ސ. މީދޫގެ ކޯގަންނުގައި އެހެރަ މެދުޒިޔާރަށް. އެތަނުގައި ވަޅުލެވިފައި އޮތް ބޭފުޅަކީ ސުލެއިމާނު ގާދިރުގެ ސޫރު ގާދިރުގެ އީސާ ގާދިރުގެ ޔޫސުފް ނާއިބު. ޔޫސުފް ނާއިބުގެ ޔަހްޔާ ނާއިބުގެ ދޮން ހަދީޖާ ބޫގެ މަހްމޫދު ނާއިބުގެ ދޮން ބުބޫގެ ދޮން ފާތުމާގެ ކެޔޮޅާރާގެ ސަންފާބީގެ ދަރިކަލެއް އަލް ގާޒީ މުހައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނަކީ"

"އެހެންވީމަ ބޮޑުތަކުރުފާނުގެ އަލް ގާޒީ ހުސެއިން އުތުބުއްދީނުގެ އަލް ވަޒީރުލް މުހައްމަދު ބޮޑުފުއްތަކުރުފާނުގެ އިބްރާހިމް ނައިބު ތަކުރުފާނުގެ ޒުލޭހާގެ އަލިލް މާހިރުގެ އައިސާބީގެ ދަރި ދޮންހުސެން ތަކުރުފާނުގެ ގެދަރަ އަލް ތަކުރުފާނުގެ ގަނޑުވަރު މުހައްމަދު ތަކުރުފާނުގެ ގަނޑުވަރު ހަދީޖާ ދީދީގެ އަލި ދީދީ ކުބެއްޔާގެ އިބްރާހިމް ދީދީގެ އަހައްމައިދީ އަކީ ކާކު؟"

އެއަށް ދޭނެ ޖަވާބެއް އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ. މި ފަތިވަރެއް އޭނާ ނިކަން ފަރިތަކަމާ އެކު އަމުނާލީމާ އަނގަނަގައިގެން އެ ހުރި ގޮތަށް ހުރެވުނީ އެވެ.

ދެން އޭނާ ޖަހާލީ ކުރު ހިނިގަނޑެކެވެ. އޭނާ އެ ކިޔައިދިނީ އަޅުގަނޑުގެ އާއިލާގެ ވާހަކަކަން އަޅުގަނޑަށް ނޭނގުނީމަ އެވެ.

ރަނގަޅެވެ. އޭނާ އެ ކިޔައި ދިނީ އަޅުގަނޑުގެ އާއިލާގެ 20-25 ޖީލުގެ ވާހަކަ އެވެ. އަހައްމައިދީ އަކީ އަޅުގަނޑުގެ ބައްޕަ ފަރާތު ކާފަ އެވެ.

ކޮންމެއަކަސް މިއީ އަޅުގަނޑު އަދި އަޅުގަނޑުގެ އާއިލާއެއްގެ ވާހަކައެއް ވެސް ނޫނެވެ. މިއީ ސ. މީދު އަށް އުފަން ކުޅަދާނަ ލިންގުއިސްޓް އަދި ޖީނިއޮލޮޖިސްޓް އިޔާޒް ނަސީމްގެ އަޖާއިބުކުރުވަނިވި ވާހަކަ އެވެ. އޭނާ އަކީ އެއްގޮތަށް ވުރެ ގޮތްގޮތުން ފާހަގަކޮށްލެވޭ ދަރިއެކެވެ.

"މިއީ މި ދާއިރާ އިން މާ މޮޅު މީހަކަށް ވާން ބޭނުންވެގެން އަޅުގަނޑު ކުރި ކަމެއް ނޫން. މިއީ އެންމެ ކުޑައިރު ވެސް އާއިލާގެ ތެރެއިން އުފެދިގެން އައި ޝައުގުވެރިކަމެއްގެ ތެރެއިން ފެށުނު ކަމެއް،" ދިވެހި ބަހުގެ އެކަޑެމީގެ ބަހާ ބެހޭ ބައިގެ ކޮންސަލްޓެންޓެއްގެ ވަޒީފާ އާއި އަރަބިއްޔާގައި އަރަބި ބަހުގެ ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ އިޔާޒު ބުނީ މިހެންނެވެ.

"އެންމެ ފުރަތަމަ ފެށީ އަމިއްލަ އާއިލާގެ ތެރެއިން. ދެން ބެލީ އެ އާއިލާއާ ގުޅިފައި ތިބި އެހެން އާއިލާތައް. ދެން ރަށުގެ އާއިލާތައް ގެނެސް ގުޅުވާލީ."

އޭނާ ޖީނިއޮލޮޖިސްޓަކަށް ނުވަތަ އާއިލާގެ ޖީލުތަކުގެ ތަރުތީބު ކިޔައިދޭ މީހަކަށް ބަދަލުވީ މިހެންނެވެ. އަޅުގަނޑުގެ އާއިލާގެ ވާހަކަ، 20-25 ޖީލުން ފެށިގެން ކިޔައި ދިން ގޮތަށް ކޮންމެ މީހެއްގެ އާއިލީ ދަރިކޮޅު ވެސް އެފަރިތަކަމުގައި އެގޮތަށް ކިޔައި ދިނުމަކީ އޭނާ އަށް ހަމަ މެޓައެއް ކެއުން ކަހަލަ ކަމެކެވެ.

އޭނާ ކައިރީގައި ބުނެލަން ޖެހޭނީ ރަށުން ނިސްބަތްވާ އާއިލާގެ ނަން އެކަންޏެވެ. ދެން އެ ކޮށްލާ ދިރާސާއަކަށް ފަހު އަންނާނީ އެ މީހެއްގެ މުޅި ދަރިކޮޅު ހިފައިގެންނެވެ.

ނަމަވެސް އިޔާޒުގެ އެންމެ ހާއްސަ ސިފައަކީ އަދި މިއެއް ވެސް ނޫނެވެ. އޭނާގެ ހާއްސަކަމަކީ އެކި ދާއިރާތަކުގެ އެކި ވަޒީފާތަކަށް ވެސް ކުޅަދާނަ ހުނަރުވެރިއަކަށް ވީމަ އެވެ.

އެންމެ ކުޑައިރު ޗާލްސް ޑިކެންސްގެ "ގްރޭޓް އެކްސްޕެކްޓޭޝަން" އާއި "އޮލިވާ ޓްވިސްޓް" ފޮތަށް ހިތްބަންޑުންކޮށްގެން އުޅުނު އިޔާޒުގެ ދިރިއުޅުން ބަދަލުކޮށްލީ އިސްލާމިކް ސްޓަޑީޒް ކިޔެވުމަށް އުމުރުން 17 އަހަރުގައި ޕާކިސްތާނަށް ކުރި ދަތުރަކުންނެވެ. މިއީ އޭނާ އެތައް ވަޒީފާއަކަށް ފައްކާވުމުގެ މަރުހަލާ ފެށުމުގެ އިތުރުން އެތައް ބަހަކުން ވާހަކަ ދައްކަން އެނގޭ މީހަކަށް ވެސް އޭނާ ބަދަލުވުމުގެ ފެށުމެވެ.

އިޔާޒު ފައްކަލީ ޖެހުނު ކޮންމެ ވަޒީފާއަކަށް އެކަންޏެއް ނޫނެވެ. އިނގިރޭސި، އަރަބި، އުރުދޫ، ސިންހަޅަ، ޕާޝިއަން، ފްރެންޗް، އިޓާލިއަން، ސްޕެނިޝް، ޗައިނީސް އަދި ޖަޕަނީސް ބަހަށް ވެސް ނިކަން ފަރިތަ އެވެ.

"އެންމެ އުނދަގުލީ ޗައިނީސް، އެއީ އެމީހުންގެ ބަހުގެ މަހުރަޖު ހުންނަ ގޮތުން ނަގައިގަންނަން ހަމަ އުނދަގުލީ،" އިޔާޒު ބުންޏެވެ.

އޭނާ ބުނީ އެންމެ ފުރަތަމަ ދަސްވި ބޭރު ބަހަކީ އުރުދޫ ކަމަށާއި އެއީ ކުޑައިރު ކޮންމެވެސް ވަރަކަށް ހިންދީ ފިލްމު ބަލައިހެދުމުން ކަމަށެވެ.

"ދެން ކިޔަވަން ޕާކިސްތާނަށް ދިޔައިރު އެތަނުގައި މި ކިޔަވައި ދެނީ އުރުދޫ ބަހުން. އެހެންވެ ފުރަތަމަ އިސްލާމިކް ސްޓަޑީޒް ކިޔެވީ އުރުދޫ މީޑިއަމަށް. ދެން ކިޔެވީ އަރަބި މީޑިއަމަށް،" އިޔާޒު ބުންޏެވެ.

އޭނާ ބުނީ ޕާކިސްތާނުގައި ކިޔަވަން އުޅުނުއިރު ވެސް އަދި އެނބުރި މާލެ އައިއިރު ވެސް ބަހުގެ ތަޖުރިބާކާރަކަށްވުމުގެ އެއްވެސް ހުވަފެނެއް ނެތް ކަމަށެވެ. ޕާކިސްތާނުން ކިޔަވައިގެން އައިގޮތަށް އައިސް އޭނާ ސިއްހީ ދާއިރާއާ ގުޅުނީ ވެސް އެހެންވެ އެވެ.

އޭނާ ޕާކިސްތާނުން އައީ ޕްރައިމަރީ ހެލްތު ކެއާގެ ކޯސް ފުރިހަމަކުރުމަށް ފަހު އެވެ. އެ އައިގޮތަށް ހަ އަހަރު ވަންދެން މަސައްކަތްކުރީ ސިއްހީ ދާއިރާގަ އެވެ. ލ. ހިތަދޫ ސިއްހީ މަރުކަޒާއި ރ. މީދޫގެ ސިއްހީ މަރުކަޒުގައި މަސައްކަތްކުރި އެވެ.

ދިވެހި ބަހުގެ މުހިންމުކަން އޭނާގެ ބޮލަށް ވަދެ އެ ދިމާލަށް ޝައުގުވެރިކަން ދަމައިގަތީ މިހެން އުޅެނިކޮށެވެ.

"ދެން ހެދި ގޮތަކީ ބަހުގެ ޑިގްރީ ކޯހަށް ކިޔަވަން އެ ދާއިރާ ދޫކޮށްލީ."

މިއީ ބަސް ދިރާސާކޮށް ބަހުން ކުރަނީ ކޮން އަސަރުތަކެއްތޯ ބަލައި ދިރާސާކުރުމުގެ މަސައްކަތް އޭނާ ފެށި ހިސާބެވެ. އިންސާނަކަށް ބަސް މުހިންމުވާ ގޮތާއި އިންސާނާ އަށް ވިސްނައިދިނުމަށް ބަހުގެ ޖުމްލަތައް އަތުރާނެ ގޮތާއި ވަކި ގޮތަކަށް ޖުމްލަތައް އަތުރާލީމަ އޭގެއިން ކުރާ އަސަރާ މެދު ފުންކޮށް ވިސްނައި ކިޔަވައި ކުރިއަރައިގެން ދިޔަ ހިސާބަކީ މިއީ އެވެ. 

އެންމެފަހުން ބަހުގެ ތަޖުރިބާކާރަކަށް އޭނާ ބަދަލުވިއިރު ހުރީ މޮޅު ލިޔުންތެރިޔަކަށް ވެސް ބަދަލުވެފަ އެވެ. އެހެން ބަސްތައް ދިވެހިން ބޭނުންކުރާނެ ގޮތް ދަސްކޮށް ދިނުމަށް މިހާތަނަށް 32 ފޮތް ތައްޔާރުކޮށް ބާޒާރަށް ނެރެފައިވާއިރު އޭނާ ލިޔެފައިވާ "މަގޭ އަރަބި މުދައްރިސު" ފޮތަކީ އެކަޑެމިކް ލެވެލްގައި ވެސް މަގްބޫލު ފޮތެކެވެ.

ލިޔުންތެރިޔަކަށް ބަދަލުވެގެން ގޮސް އިޔާޒު ވަނީ ނޫސްވެރިކަމުގެ ތެރެއިން ވެސް ނަމެއް ހޯދައިފަ އެވެ. އެގޮތުން އެންމެ އާދައިގެ ނޫސްތަކުން ފަށައިގެން ގޮސް މަގްބޫލު މީޑިއާ ސަން އޮންލައިންގައި އެސިސްޓަންޓް އެޑިޓަރުކަން ކުރި އެވެ. ސަން އިގްލިޝް އެޑިޝަން އަދި އެމީހުންގެ ހަފުތާ މަޖައްލާ އަށް ވެސް ލިޔުނެވެ. 

ސަން ޓީވީގައި ޝޯ ވެސް ޕްރޮޑިއުސްކުރި އެވެ. އަދި ވީޓީވީގައި ވީޑިއޯ ޖާނަލިސްޓެއްގެ ވަޒީފާ ވެސް އަދާކުރި އެވެ.

މި އާދަޔާހިލާފު ދަތުރަށް ފަހު މިހާރު އޭނާގެ ފިކުރު ގޮސް ބަނދަރުކޮށްފައި އެ ވަނީ ދިވެހި ބަހުގެ އެކަޑެމީގަ އެވެ.

އެހެންވީމަ ދިވެހި ބަހާ ބެހޭ ގޮތުން އިޔާޒު ދެކޭ ގޮތާއި ދިވެހި ބަހަށް ފަހުގެ ޖީލުތަކުގެ ކުދިން ކުރާ ފުރައްސާރަ އަށް އޭނާ ބުނަނީ ކީކޭތޯ ވެސް ބަލައިލުން މުހިންމެވެ.

"ބަހާ ބެހޭ މައުލޫމާތު ނޭނގޭ މީހުން އެހެން ބަސްބަހާ ދިވެހި ބަސް އަޅައިކިޔައި ދެރަކޮށްލަނީ. ބަހާ ބެހޭ މައުލޫމާތު އެނގޭ އެއްވެސް މީހަކު އެހެން ބަހެއް އަނެއް ބަހާ އަޅާކިޔައި ފަގީރުކޮށް ދެރައެއް ނުކުރާނެ،" ދިވެހި ބަސް ކުރި ނާރާ ކަމަށާއި އެހެން ބަސްބަހާ އަޅާބަލާއިރު ދިވެހި ބަސް މަރުވަމުންދާ ކަމަށް ބުނާ ފަރާތްތަކަށް އިޔާޒު ދޭ ރައްދަކީ މިއީ އެވެ.

"ކޮންމެ ބަހެއް ވެސް އެމީހުން ދިރިއުޅޭ ވެއްޓަކާއި އާދަކާދަތަކާ ގުޅިގެން ތަރައްގީވެފައި އޮންނާނީ. މިސާލަކަށް ދިވެހިންގެ ދިވެހިވަންތަކަން ދިވެހި ބަހުން ސިފަކޮށްދޭ ފެންވަރަކަށް އިނގިރޭސި ބަހަކުން ބުނެއެއް ނުދެވިދާނެ."

"އަދި ހަމަ އެގޮތަށް އިނގިރޭސި ވިލާތުގެ ބޯދާ އާދަކާދަތަކުގެ ވާހަކަތައް ދިވެހި ބަހުން ކީއްކުރަން އަދި އެހެން ބަހަކުން ވެސް އެންމެ ފުރިހަމަ އަށް ކިޔައެއް ނުދެވިދާނެ"

"އެއް ބައެއްގެ ބަހާއި އަނެއް ބައެއްގެ ބަސް އަޅާނުކިޔޭނެ އަނެއް މިސާލެއް ނެގިދާނެ ރާއްޖޭގެ ފުވައްމުލަކުން. އެ ރަށަކީ ހަތަރު ފަރާތުން ކޮންމެ ދުވަހަކު އެކި ވައްތަރުތަކުގެ އެތައް ހާސް ރާޅެއް ގޮސް ބިންދާލާ ރަށެއް. މި ސިފަ އަށް އެ ރަށް ހާއްސަވެގެންދާއިރު ރާއްޖޭގެ އެހެން ހިސާބުތަކުގައި މީހުންނަށް ރާޅުތައް ސިފަކޮށްދޭން ނޭނގޭ ފެންވަރަށް ރާޅުތައް ސިފަކޮށް ރާޅުތަކަށް ނަންތައް ދީފައި އެމީހުން އެވަނީ"

"އެކި ވައްތަރުގެ ރާޅުތައް ސިފަކޮށްދިނުމަށް ފުވައްމުލަކު މީހުން 19 ވަރަކަށް ނަން އެބައޮތް އެމީހުންގެ އަތުގައި. މިއީ ދުނިޔޭގެ އެހެން އެއްވެސް ބަހަކުން ނުފެނިދާނެ ސިފައެއް މިސާލަކަށް"

"އެހެންވީމަ ބަހަކީ އިންސާނާ އަށް ބޭނުންވީމަ މިގޮތަށް އުފެދޭ އެއްޗެއް."