ލައިފްސްޓައިލް

ރޯދަ މަހު މިގޮތަށް މިސްކިތްތައް ފުރިގެން ބަންޑުން ވަނީ ކީއްވެ؟

Jun 21, 2015

މިއީ ބަރަކާތުގެ މައްސަރެވެ. މިއީ ގުރުއާނު ބާވައިލެއްވި މައްސަރެވެ. އެއް ހާސް މައްސަރުގެ ސަވާބު އެންމެ ރެއަކުން ލިބިގަތުމުގެ ފުރުސަތު ވެސް ލިބޭ މައްސަރެކެވެ. އަދި ޝައިތޯނުން ކަސްތޮޅުއެޅުވި ސުވަރުގޭގެ ދޮރުތައް ވެސް ހުޅުވިގެންވާ، މާތް މައްސަރެކެވެ.

ސަވާބަށް ދަހިވެތިވެފައިވާ މީހުންނާ އެކު މިސްކިތްތައް ފުރިގެން ބަންޑުންވުމުގެ ސަބަބުތަކަކީ މިއީ ކަމުގައި ވެދާނެ އެވެ. ކޮންމެއަކަސް ކޮންމެ ރަމަޟާން މަހެއް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު ފެންނަ އެންމެ އުފާވެރި މަންޒަރަކީ މިއީ އެވެ. ރޯދައިގެ ސަވާބާއި އަޅުކަމަށް ކެތްމަދުވެފައިވާ މީހުންނާ އެކު މިސްކިތްތައް ތޮއްޖެހި ފުރިގެންދާ މަންޒަރެވެ. 

މި މަންޒަރުން އުފާވެރިކަމެއް ގެނެސް، މުސްލިމަކަށް ވީތީ ފަހުރުވެރިވާ ކަމުގެ ޖަޒުބާތުތައް އުތުރިއަރައިގެން ދިޔަ ނަމަވެސް މިއީ މިހުރިހައި ކަމެއްގެ އިދިކޮޅު އިހްސާސްތައް ވެސް ބަންޑުން ކުރުވާ މަންޒަރެކެވެ. މި ރާއްޖޭގެ މިސްކިތްތައް، ހާއްސަކޮށް މި މުސްލިމު އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭގެ މިސްކިތްތައް ނަމާދުގަނޑިތަކާ ދިމާކޮށް މިގޮތަށް ފުރިގެން ބަންޑުން ވަނީ ރޯދަ މަސްތަކުގައި އެކަނި ކަމަށްވާތީ އެވެ.

އެހެންވީމަ ސައްތައިން ސައްތަ މުސްލިމުންގެ ގޮތުގައި ތިބެ، ރޯދަ މަހު އެކަނި ނަމާދަށް މި ވަރުގެ ސަމާލުކަމެއް ނުވަތަ ފަރުވާލެއް ދިނުމަކީ އިހްލާސްތެރި މުސްލިމުންގެ ގޮތެއް ހެއްޔެވެ؟ ދެން މި ވާހަކައެއް ދެއްކީމަ ދިވެހިން އަންނާނީ ރުޅި އެވެ. އެކަމަކު މިއީ ރުޅި އާދެވެން ނެތް ހަގީގަތެކެވެ.

މިސާލަކަށް މާލޭގެ އެންމެ ކުދި، އެންމެ ޖާގަ ކުޑަ މިސްކިތްތައް ނަގަމާ ހިނގާށެވެ. އެގޮތުން ރައްދެބައި މަގުގައި އެހެރަ "ބިހުރޯޒު ކަމަނާ މިސްކިތް" ނެގިދާނެ އެވެ. ސައިޒުގެ ގޮތުން ވަރަށް ވެސް ކުޑަ މިސްކިތެކެވެ.

އާންމު މައްސަރުތަކުގައި މި މިސްކިތުގެ އެތެރޭގެ ޖާގަ ފުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އާންމުކޮށް މިސްކިތުގެ އެތެރޭގައި ޖާގަ ނެތިގެން މީހުން ބޭރުގައި މުސައްލަ އަޅައިގެން ނަމާދަށް ތިބޭ މަންޒަރު ފެންނާނީ އާންމު މަސް މަހުގެ އިޝާ ނަމާދު ނުވަތަ މަޣްރިބް ނަމާދުގެ ވަގުތުގަ އެވެ.

މިއީ ރޯދަ މަސް ނޫން އެހެން މަސް މަހުގައި މި މިސްކިތަށް ނަމާދަށް އަރާ މީހުންނާ އެކު އެ މިސްކިތް ފުރިގެން ބަންޑުންވާ އާންމު ދެ ވަގުތެވެ. އެހެން ވަގުތުތަކުގައި އަދި ހާއްސަކޮށް، ފަތިސް ނަމާދުގެ ޖަމާއަތުގައި މި މިސްކިތެއްގެ އެތެރެ ވެސް ނުފުރެ އެވެ.

ސައިޒަކުން ސިފަކޮށްދޭ ނަމަ މި މިސްކިތުގެ ސައިޒަކީ ޑަބަލް އެނދެއްގެ ސައިޒެވެ. އެތެރޭގައި އެއްފަހަރާ ނަމާދުކުރެވޭނީ ގާތްގަނޑަކަށް 15 އާއި 20 ދެމެދުގެ އަދަދުގެ މީހުންނަށެވެ.

މި ކިޔައި ދިނީ މި ކުޑަ މިސްކިތް އާންމު އެހެން މަސް މަހުގައި ފަޅުވެފައި އޮންނަ ގޮތުގެ ވާހަކަ އެވެ. ފަހަރެއްގައި އެހެން މިސްކިތްތަކަށް މީހުން ގިނައިން ދާތީ މި މިސްކިތަށް އެހެން މަސްމަހުގައި ގިނަ ބަޔަކު ޖަމާއަތަށް ނާރަނީ އެވެ.

ނަމަވެސް ރޯދަ މަހެއް އައުމުން މި ކުޑަ މިސްކިތާ އެކު އެހެން ހުރިހައި މިސްކިތްތަކެއް ވެސް އޮންނަނީ އުފަލުން ފުރިގެން ބަންޑުންވެފަ އެވެ. މި ރޯދަ މަހު މި ކުޑަކުޑަ މިސްކިތުން ވެސް ޖާގައެއް ހޯދަން ލާހިކެއް ނޫނެވެ. އެތަނުގައި ނަމާދުކުރަން ބޭނުން ނަމަ ހުންނަން ޖެހޭނީ ކިޔޫގަ އެވެ.

މިއީ ރޯދަ މަހު މާލޭގެ ހުރިހައި މިސްކިތްތަކެއްގެ ވެސް ހާލަތެވެ. މިސްކިތްތައް ފުރިގެން މަގުތައް ވެސް ބަންދުކުރަން ޖެހެ އެވެ.

އެއްގޮތަކަށް ވެސް ބަޔަކު މީހުންނަށް ހެޔޮ ވިސްނުން ލިބިގެން މާތް ރަސްކަލާނގެ އަށް ކުއްތަންވުމަށް ނުކުންނާތީ އެކަމާ ދެކޮޅުވެރިވަނީކީއެއް ނޫނެވެ. ނަމަވެސް ރޯދަ މަހުގެ މި "ލައިފްސްޓައިލުން" ލިބިގަންނަން ޖެހޭ ފިލާވަޅެއް އޮތީމަ ހަނދާންކޮށްލަދެނީ އެވެ.

ފާހަގަކޮށްލަން ޖެހެނީ ރޯދަ މަހުގެ ކުރީކޮޅު ހުރިހައި އެންމެން ގްރޫޕު ހަދާލައިގެން އަޅުކަން ކުރުމަށް މިގޮތަށް މިސްކިތްތަކަށް އަރައި ފައިބައި ހެދި ނަމަވެސް ރޯދަ މަހުގެ ވަކި ހިސާބަކުން މި އަދަދު މަދުވާން ފަށާ ކަމެވެ. ރޯދަ މަހުގެ ފުރަތަމަ ދެ ހަފުތާގައި އެންމެން ވެސް އުޅޭނީ ވަރަށް ފޯރި އަރުވާލައިގެންނެވެ.

އެހެން މަސް މަހު ނަމާދަށް ނުދެވި ގޯޅި ކަންމައްޗަކަށް ބިތަކަށް ޖެހިފައި ހުންނަ ޒުވާނާ ވެސް ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ބަދަލުވެގެން ދަނީ "ޝައިހް" އަކަށެވެ. މިއީ ދިވެހި މި މުޖުތަމައުން ކޮންމެ ރޯދަ މަހެއްގައި ވެސް އާންމުކޮށް އެންމެނަށް ފެންނަ މަންޒަރުތަކެވެ.

ދެން އަންނަ ހަފުތާގައި، އެއްކަލަ އިސްލާހުވި "ޕާޓޭ" މި އޮންނަނީ ވައްކަމެއްގައި ބަސްޓުވެ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފަ އެވެ. މިއީ ވެސް ދިވެހިންގެ ތެރެއިން ބައެއް މީހުން އެމީހުންގެ ރޯދަ މަހުގައި ކޮށްފައިވާ ތަޖުރިބާތަކުގެ ވާހަކަ އެވެ.

ކޮންމެއަކަސް މުސްލިމް މުޖުތަމައެއްގައި ގިނަ ބަޔަކު ޖަމާއަތުގައި ނަމާދުކުރާ މަންޒަރު ފެނުމަކީ ވަރަށް ވެސް ރީތި މަންޒަރެކެވެ. އެކަމަކު ހިތާމައަކީ މި ހިތްގައިމު މަންޒަރު ރާއްޖޭގައި ރޯދަ މަހަށް އެކަނި "ރިޒާވް" ކޮށްފައި އޮންނާތީ އެވެ.

މި ވާހަކަ އެންމެން ވެސް ގަބޫލުކުރާނެ އެވެ. ގަބޫލުނުކުރެވޭ ނަމަ މި ރޯދަ މަހުގެ ބާކީހުރި ދުވަސްތަކުގައި ކޮންމެވެސް އެއް ނަމާދުގަޑިއަކަށް ހާއްސަކޮށްގެން މިސްކިތެއް ހޮވާލައިގެން ރޯދަ މަސް ނިމެންދެން ޓައިމްލެޕްސް ހަދާލަނިކޮށް އަހަރެމެން ދިވެހިންގެ ސޯޓު އޮންނާނީ ބޭލިފަ އެވެ.

ރޯދަ މަހުގެ ކުރީކޮޅު މިގޮތަށް މީހުންނާ އެކު މިސްކިތްތައް ފުރިގެން ބަންޑުންވިޔަސް ފަހުކޮޅަށް އަޅާލީމާ ބިހުރޯޒު ކަމަނާ މިސްކިތް ވެސް އޮންނާނީ އާދައިގެ މަތިން ހުހަށެވެ.