ފިނިޕޭޖް

ޑަބްސްމޭޝް ރޭހުގައި ނައިފަރު ވަރެއް ނެތް: މިއީ ރާއްޖޭގެ ބޮލީވުޑް!

Jun 21, 2015
5

ޅ. ނައިފަރު މީހުންނަކީ ނިކަން ފަސޭހައިން ސުރުހީ އަތުލަން ދަންނަ ބައެކެވެ. އެމީހުންގެ ވާހަކަ އެންމެ އާންމުކޮށް ނޫސްތަކުން ކިޔަން ލިބޭނީ ވޮލީ މުބާރާތެއް ކުރިއަށް ދާ ނަމަ އެވެ. ހާއްސަކޮށް ޒޯން މުބާރާތްތަކުގެ ފޯރިގަދަވާ ސީޒަންތަކުގައި ނައިފަރު މީހުން އުޅޭނީ ހަތް ވަނަ އުޑުގަ އެވެ.

ނަމަވެސް އެމީހުން މަޝްހޫރީ ހަމައެކަނި ވޮލީއަކަށް ނޫނެވެ. އެ އަތޮޅަށް ބަލާއިރު އާބާދީ އެންމެ ބޮޑޫ ރަށަށް ވުމުން އެކި ކުށްތަކުގެ ކަންކަމުގައި ވެސް ރެކޯޑް އޮވެ އެވެ. އެމީހުންނަކީ ވަރަށް ވަތަނީ ވެސް ބައެކެވެ. އެކަމަކު އެ ވާހަކަ ބާއްވަމާ ހިނގާށެވެ.

ނޫސްތައް ބަލައި ހާވާލައިފި ނަމަ ނައިފަރޭ ކިޔައިގެން ފެންނަން އޮންނާނެ އެންމެ މޮޅު ވާހަކަ އަކީ ވޮލީ މުބާރާތްތަކުގައި އެމީހުން ހޯދާ ކާމިޔާބީތަކުގެ ވާހަކަ އެވެ. އެއީ 10 ޕަސެންޓެވެ. ނޫސްތަކަށް ބަލާއިރު ދެން ފެންނަނީ ކޮންމެވެސް ކުށަކާ އެރަށާ ގުޅުވާފައި ހުރި ވާހަކަތަކެވެ.

ކޮންމެއަކަސް މީޑިއާގައި ނައިފަރު ކިތަންމެ ބިރުވެރި ކޮށް ސިފަކޮށްފައި އޮތަސް މިއީ އެ ރަށާ ބެހޭ ގޮތުން ނުދައްކާ ވާހަކަ އެކެވެ. ދައްކަން މި އުޅެނީ ނިކަން މަޖާ، ހެސްކިޔާފައި ފޯރި ނަގައި، ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް އުފާވެރިކަން ގެނެސް އެތައް ބަޔަކު ހެއްވަމުން ގެންދާ ނައިފަރެއްގެ ވާހަކަ އެވެ. އެތައް ބައިވަރު ޓެލެންޓެޑް ޒުވާނުންތަކެއްގެ ވާހަކަ އެވެ. ދިވެހި ފިލްމް އިންޑަސްޓްރީގެ ސިކުނޑިވެސް ނުފޯރާ ހިސާބަކަށް މި ޒުވާނުން މި ވަނީ ގޮސްފަ އެވެ.

 

ނުވަތަ ނައިފަރަށް ނިސްބަތްވާ މި ދެންނެވި ޖޯޝާއި ފޯރީގައި ޖެހިގެން އުޅޭ ޒުވާނުންތަކެއްގެ ވާހަކަ އެވެ. ކޮންމެއަކަސް މި މިހާރު ބޮޑުގުޅަވެގެން މިއުޅޭ ޑަބްސްމޭޝްއަކާ ނުލައި މި ވާހަކައެއް ދެއްކޭކަށް ވެސް ނެތެވެ.

ނައިފަރު މީހުން މިފަހަރު އާންމުންގެ ސަމާލުކަން ހޯދާފައި މި ވަނީ، މި ދުވަސްކޮޅު އެންމެންގެ ފެވަރިޓަކަށް ބަދަލުވެފައިވާ އެޕް، ޑަބްސްމޭޝް މެދުވެރިކޮށެވެ. މި އެޕެއް މެދުވެރިކޮށްގެން ޑަބްކޮށް އާންމުކުރާ ވީޑިއޯތަކެއް ދިވެހިންގެ ސޯޝަލް މީޑިއާ ވެސް ހައިޖެކްކޮށްފައިވާއިރު މި ރޭހެއްގެ އެންމެ ކުރީގައި ނުވަތަ މި އީދެއްގައި އެންމެ ގަދަ އަށް ފޯރި ނަގަމުން ދަނީ ނައިފަރުގެ ޒުވާން ކުދިންކޮޅެކެވެ.

އާންމުކޮށް ނައިފަރުގެ ވާހަކަ މީޑިއާ އިން އިވޭ ގޮތާ އެމީހުންގެ ވާހަކަ މިފަހަރު ތަފާތުވަނީ މި މަޖާގަނޑެއްގެ ތެރެއިންނެވެ. އެމީހުން "ޑަބްސްމޭޝް ނައިފަރު" ގެ ނަމުގައި އަމިއްލަ ގްރޫޕެއް ފޭސްބުކްގައި ފައްކާކޮށް ފޯރި ނަގަމުންދާއިރު މި ގްރޫޕަށް ނިސްބަތްވާ ވީޑިއޯތަކާ ވާދަކުރެވޭ ފެންވަރުގެ ވީޑިއޯތަކެއް ދެން ތިބި ދިވެހިންނަށް ނުއުފެއްދޭކަން ފާހަގަކޮށްލަން ޖެހެ އެވެ.

ވަކިން ހާއްސަކޮށް ނައިފަރު ޒުވާނުންގެ ވީޑިއޯތައް އެހެން ވީޑިއޯތަކަށް ވުރެ މާ ބޮޑަށް ވެސް ކްރިއޭޓިވްވެފައި މަޖާ ކަމަށް ފާހަގަކުރެވެ އެވެ.

 

ނައިފަރުގެ ޑަބްސްމޭޝް ވީޑިއޯތަކަށް ބަލާއިރު ހޭވައްޓާލާފައި އެންމެ ގަދަ އަށް ނަށަމުން ދަނީ "މިޑްލް ސިޓީ" ނަމަކަށް ކިޔާ ޒުވާނުން ކުދިންކޮޅެކެވެ. އެމީހުން ބިނދި ބިނދިފައި އެ ޖައްސާ ވައްތަރެއް ނުވަތަ އެ ޖައްސާލާ ސްޓެޕްތަކެއް މަޝްހޫރު ސުނީތާ އަށް ވެސް ބީޓްކޮށްލެވޭނެ ކަމަކަށް ނުބެލެވެ އެވެ.

އެހެންވީމަ ރާއްޖޭގެ ހަގީގީ ބޮލީވުޑަކީ ނައިފަރެއް ނޫން ހެއްޔެވެ؟