ހަބަރު

މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ފަށަނީ

ރާއްޖޭގެ މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި
އެވެ.

މިސްކިތްތަކުގައި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފުރަތަމަ 100 ދުވަހު ކުރައްވަން ނިންމާފައިވާ ކަމެކެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިސްކިތްތަކުގައި ގުރުއާން ކިޔަވާދިނުމުގެ ކްލާސްތަކެއް ފެށުމަކީ ރައީސް ސޯލިހްގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަމެއް ކަމަށެވެ. އަދި ކްލާސްތައް ފެށުން މިއަދު އިފްތިތާހް ކުރުން މާފުށީގައި މިއަދު 4:00ގައި އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ އަކުރު ދަސްކޮށްދޭ ކްލާސްތަކަކާއި ގްރުއާން ހިތުދަސްކޮށްދޭ ކްލާސްތަކަކާއި ބަލައިގެން ހަތިމް ކުރުމަށް ކުދިންނަށް ދަސްކޮށްދޭ ކްލާސްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިގޮތަށް ބަލާފައި އަޅުގަނޑުމެން އެބަ ފަށަން 11 އަތޮޅެއްގެ 17 ރަށެއްގައި މިއަދު ކްލާސްތައް ފެށިގެންދާނެ، ފުރަތަމަ މަރުހަލާގައި އިމާމުން މެދުވެރިކޮށް ގުރުއާން ކިޔަވާދިނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، އަދި ބައެއް އެހެނިހެން މުދައްރިސުން ލައްވާ ކުރިއަށް ގެންދިއުމަށްވެސް އެބަ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކީރިތި ގްރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖެއްސުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. މިކަމަކީ ގްރުއާނަށް ލޯބި ޖެއްސުމަށްޓަކައި ފަށާ އެއް ޕްރޮގްރާމް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.