ދުނިޔެ

އިނގިރޭސިން އީޔޫއިން ވަކިވުމުގެ އެއްބަސްވުމުގެ ވޯޓު ފަސްކޮށްފި

ލަންޑަން (ޑިސެމްބަރު 10) - ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އިނގިރޭސިވިލާތް ވަކިވުމަށް އެކުލަވާލި އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުގައި އިއްޔެ ނަގުމަށް ހަމަޖެއްސި ވޯޓު ބޮޑު ވަޒީރު ތެރޭސާ މޭ ފަސްކުރައްވައިފި އެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ އިސްވެ މިދިޔަ މަހު ހުށަހެޅުއްވި އެއްބަސްވުމަށް އީޔޫ ގައުމުތަކުން ވަނީ ތާއީދުކޮށްފަ އެވެ.

ނަމަވެސް، އިނގިރޭސި ޕާލިމަންޓުގައި އެ އެއްބަސްވުމާއިމެދު ހިޔާލުތަފާތުވެފައިވާއިރު، ވޯޓު ފަސްކުރުމުން، މޭގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގިނަ މެމްބަރުން ދަނީ ގޮވާލަމުންނެވެ.

ތިން ދުވަހުގެ ބަހުސަކަށްފަހު، ކުއްލިއަކަށް ވޯޓު ފަސްކުރެއްވީ، އެ ވޯޓު ނާކާމިޔާބުވެދާނެ ކަމުގެ ބިރު ބޮޑުވުމުން ކަމުގައި ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ އިސްވެ ހުށަހެޅުއްވި އެއްބަސްވުމަށް އީޔޫއިން ތާއީދުކުރި ނަމަވެސް، އެ އެއްބަސްވުމަށް އަމަލު ކުރެވޭނީ އިނގިރޭސި ޕާލިމަންޓުން ފާސްވުމުންނެވެ.

ދެން އެ އެއްބަސްވުމަށް ވޯޓަށް އަހާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް މޭ ވަނީ އިޝާރާތްކުރައްވައިފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލުތަފާތުވެފައިވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމުނުކުރުމަށް ހިމަނާފައިވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.

އެ އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުގެ ތާއީދު ލިބިއްޖެނަމަ، އީޔޫއިން ވަކިވުމުގެ އެއްބަސްވުމުގެ ހާއްސަ ބިލެއް މަޖިލީހަށް ހުށަހެޅޭނެ އެވެ. އެ ބިލު ފާސްކުރުމަށްފަހު، ޔޫރަޕިއަން ޕާލިމަންޓުން ފާސްކޮށް، ޔޫރަޕިއަން ކައުންސިލުން ވެސް ތާއީދުކުރަންޖެހޭނެ އެވެ.