އަބަދުވެސް ޗެލެންޖު ނަގަން އޭނާ ޝައުގުވެރިވާ ކަމަށާއި، ލިއޮނަލް މެސީ ޗެލެންޖު ނަގަން އިޓާލިއަން ލީގަށް އައުމަށް ދައުވަތު ދޭ ކަމަށް ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މިދިޔަ ނުވަ އަހަރު، ރޮނާލްޑޯ ކުޅެފައި ވަނީ ރެއާލް މެޑްރިޑަށެވެ. ސްޕެނިޝް ލީގްގައި އެންމެ ވާދަވެރިކަން އުފެދުނީވެސް ރެއާލް މެޑްރިޑްގައި ރޮނާލްޑޯ އަދި އެފްސީ ބާސެލޯނާގައި މެސީ ހުރުމުންނެވެ. މި ސީޒަންގައި ރޮނާލްޑޯ ބަދަލުވީ ޔުވެންޓަސްގައި އިޓަލީއަށެވެ. ރޮނާލްޑޯ ބުނީ، އިޓާލިއަން ލީގަށް އޭނާ ބަދަލުވީ ޗެލެންޖެއް ނެގުމުގެ ގޮތުން ކަމަށެވެ.
"ފަހަރެއްގައި އޭނާ [މެސީ] މަތިން އަހަރެން ކުޑަކޮށް މިސް ވެދާނެ،" އިޓަލީގެ ލަ ގެޒެޓާ ޑެލޯ ސްޕޯޓަށް ދިން އިންޓަވިއުގައި މެސީ މަތިން މިސްވޭތޯ ސުވާލު ކުރުމުން ރޮނާލްޑޯ ބުންޏެވެ. "އިންގްލެންޑާއި ސްޕެއިން، އިޓަލީ ޕޯޗްގަލްގައި އަހަރެން ކުޅެފިން، އޭނާ އެ ހުންނަނީ ސްޕެއިންގައި، ފަހަރެއްގައި އޭނާ އަހަރެމެން މަތިން މިސްވެދާނެ."
"އަހަންނަށް ލައިފަކީ ޗެލެންޖު ނެގުން، ޗެލެންޖު ނަގަން އަހަރެން ޝައުގުވެރިވޭ އަދި ޗެލެންޖު ނެގުމަކީ އަހަންނަށް ލިބޭ އުފަލެއް، އަހަރެން ބޭނުން އަހަރެން ޗެލެންޖު ނެގި ގޮތަށް އޭނާ ވެސް ޗެލެންޖު ނަގާފައި ކޮންމެވެސް ދުވަހަކުން އިޓަލީއަށް އޭނާ އަންނަން، އެހެންނަމަވެސް ސްޕެއިންގައި ހުންނަން އޭނާ ހިތްހަމަ ޖެހެންޏާ އަހަރެން އެކަމަށް އިހްތިރާމް ކުރަން."
ރޮނާލްޑޯ ބުނީ، މިއަހަރު ބެލަންޑޯ އެވޯޑް ލުކަ މޮޑްރިޗް ލިބުމުން މަރުހަބާ ކިޔާ ކަމަށެވެ. އަދި މޮޑްރިޗަށް އެވޯޑް ހައްގު ކަމަށް ރޮނާލްޑޯ ބުންޏެވެ. ނަމަވެސް ކޮންމެ އަހަރަކު ވެސް އޭނާއަށް އެވޯޑް ހައްގުވާ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށް، ކުރިން އެ އެވޯޑް ފަސް ފަހަރު ހޯދި ރޮނާލްޑޯ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، ރެއާލް މެޑްރިޑަށް ވުރެ، ޔުވެންޓަސްގައި އޭނާއަށް މާބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ކަމަށެވެ. އެއީ ޔުވެންޓަސްގެ ޓީމަކީ އެއް އާއިލާ ކަމަށް ސިފަ ކުރެވޭ ކަމަށެވެ.