ހަބަރު

ޗައިނާ-ޖަރުމަނު ދަތުރަށް ފަހު ރައީސް މާލެ ވަޑައިގެންފި

Jun 21, 2015
1

ޗައިނާގައި ބޭއްވި ވިޔަފާރީގެ މުހިންމު ދެ ފެއާއެއް ޝަރަފުވެރި ކޮށްދެއްވުމަށް ފަހު، ޖަރުމަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ވެސް ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސް ޖަރުމަންގެ ފްރޭންކްފާޓަށް ވަޑައިގެންކަން ރައީސް އޮފީހުން ހާމަކޮށްފަ އެއް ނުވެ އެވެ. އެ އޮފީހުން ބުނެފައި ވަނީ ޗައިނާގެ ދަތުރުފުޅަށް ފަހު ރައީސް އަމިއްލަ ދަތުރުފުޅެއްގައި އުޅުއްވާ ކަމަށެވެ.

އެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ ރައީސްގެ ދަތުރުފުޅަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ރައީސްގެ އަމިއްލަ ދަތުރުފުޅުތަކުގެ މައުލޫމާތު އެ އޮންނަ އުސޫލުން ހާމަ ކުރާނެ ކަމަށެވެ. އަދި ރަސްމީ ބޭނުންތަކުގައި ކުރައްވާ ދަތުރުތަކުގެ މައުލޫމާތު ހިފެހެއްޓުމެއް ނެތި ހާމަ ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޖަރުމަނުގެ ފްރެންކްފާޓަށް ވަޑައިގެން އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހުންނެވީ ތައިލެންޑްގައި ހުންނެވުމަށް ފަހު އެ ގައުމަށް ވަޑައިގެންނެވެ. ނަމަވެސް އަޑުފެތުރުނު ގޮތުގައި ރައީސް ޖަރުމަނަށް ވަޑައިގެންނެވީ ސިއްހީ ފަރުވާއެއް ހޯއްދެވުމަށެވެ.

މީގެ ކުރިން ވެސް ރައީސް އެކި ފަހަރުމަތިން ސިންގަޕޫރަށް ވަޑައިގަތުމުން ވެސް އެކަހަލަ އަޑުތަކެއް ފެތުރުނެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.