ހަބަރު

ސިފައިންގެ ޗީފްއަކަށް ޝަމާލް، ވައިސްއަކަށް އަބްދުއްރަހީމް

Dec 11, 2018
4

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް ރައީސް މިއަދު ހަމަޖައްސަވައިފި އެވެ.

ޝަމާލްއަށް ވަޒީފާ އަލުން ދޭން ހައިކޯޓުން ހުކުމް ކުރީ މިއަދު އެވެ. އަދި އޭނާ ޗީފް އޮފް ޑިފެންސްފޯސްއަށް ހަމަޖެއްސެވީ، މޭޖާ ޖެނެރަލްގެ މަގާމަށް ޕްރޮމޯޓް ކުރެއްވުމަށް ފަހު އެވެ. ޝަމާލް ސިފައިންގެ ވަޒީފާއިން ވަކިކުރީ، ސިފައިންގޭގެ ސިއްރު މައުލޫމާތުތަކެއް ހިމެނޭ ލިޔުމެއް އޭނާ ސޯޝަލް މީޑިއާގައި އާންމު ކުރި ކަމުގެ ތުހުމަތުގައި ނޮވެމްބަރު، 2013ގަ އެވެ.

އެހެން ނަމަވެސް މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ޝަމާލް އަލުން ވަޒީފާދޭން ސިފައިންގެ މައްޗަށް ހައިކޯޓުން މިއަދު ކުރި އަމުރުގައި ބުނީ، ޝަމާލް ވަޒީފާއިން ވަކިކުރުމަށް ދެއްކި ސަބަބު ކަމަށްވާ، ލިޔުމެއް ލީކްކޮށްލި ކަމަށް ބުނެފައިވީ ނަމަވެސް، އެފަދަ ލިޔުމެއް ޝަމާލް ލީކްކޮށްލި ކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ ސިފައިންގޭގައި އެކަމަށް ހެދިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެން ކަމުން ހައިކޯޓުން މިއަދު ހުކުމް ކުރީ، އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލްކަމަށެވެ.

ރައީސް ސޯލިހު މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން އަހުމަދު ޝިޔާމް، އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން އަހުމަދު ޝާހިދު ވަކިކުރައްވައިފަ އެވެ.