ހަބަރު

އަލީ ވަހީދާއި އާތިފާގެ ކޮރަޕްޝަން މައްސަލަ ބަލާކަމަށް ބުނެވުނީ އޮޅުމަކުން: އޭސީސީ

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލާކަމަށް ބުނެ މަޖިލީހަށް މައުލޫމާތު ދެވިފައިވަނީ އޮޅުމަކުން ކަމަށް އޭސީސީން ބުނެފި އެވެ.

އޭސީސީން މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މީގެ ކުރިން އޭސީސީން މަޖިލީހަށް ފޮނުވި ސިޓީއެއްގައި މިނިސްޓަރު އަލީ ވަހީދުގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެވިފައިވީ ނަމަވެސް، އެމައްސަލައިގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމާ 10 މާޗު 2016ގައި މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އަލީ ވަހީދުގެ ކުށުގެ ރެކޯޑެއް އޭސީސީގައި ނެތް ކަމަށްވެސް އެ ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާކަމަށް ބަޔާން ކޮށްފައިވީނަމަވެސް އެފަދަ ކުށުގެ ރެކޯޑެއް މިނިސްޓަރު އާތިފާގެވެސް ނެތް ކަމަށް އެ ކޮމިޝަނުން ވަނީ އެ ސިޓީގައި ބުނެފަ އެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ފޮނުވާފައިވާ އެ ސިޓީގައި އިތުރަށް ބުނެފައިވަނީ

"އަލީ ވަހީދާއި، އާތިފާ ޝަކޫރުގެ ކޮރަޕްޝަންގެ މައްސަލައެއްގެ ކުށުގެ ރެކޯޑް އޮތްކަމަށް މައުލޫމާތު ދެވިފައިވަނީ އޮޅުމަކުން ކަމުގައި ދަންނަވަމެވެ،" ސިޓީގައިވެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމާއިގުޅޭ ގޮތުން މަޖިލީހުގެ ކޮމިޓީގައި ބަހުސް ކުރައްވަމުން ބައެއް މެންބަރުން އޭރު ވަނީ އެ ވަޒީރުންގެ ހިޔާނާތުގެ މައްސަލައެއް އޭސީސީ އިން ބެލުމަކީ އެ ފަރާތްތައް ކުށެއް ކުރިކަން ސާބިތުވުމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި މީހެއްގެ މައްޗައް ޝަރުއީ ކޯޓަކުން ކުށް ސާބިތުވާ ކަމަށް ކަނޑަނާޅާހާ ހިނދެއްގައި ކުށްވެރިއަކަށް ނުވާނެ ކަމަށް ގާނޫނު އަސާސީގައި ވެސް ބުނެފައިވާ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އާތިފާ އާއި، އަލީ ވަހީދުގެ ކޮރަޕްޝަންގެ މައްސަލައެއް އޮތް ކަމަށް އޭރު އޭސީސީން މައުލޫމާތުދީފައިވީނަމަވެސް މަޖިލިހުން ވަނީ އެ ދެބޭފުޅުނަށްވެސް ރުހުންދީފަ އެވެ.