ހަބަރު

އެސްޓީއޯއިން ބިހުގެ ހޯލް ސޭލް ފެށުމާ އެކު، އަގު ދަށަށް ހިނގައްޖެ

Jun 21, 2015

އެސްޓީއޯއިން އަނެއްކާ ވެސް ބިހުގެ ބޮޑު ޝިޕްމަންޓެއް ގެނެސް ވިއްކަން ފެށުމާ އެކު ބާޒާރުގައި ބިހުގެ އަގު ވެއްޓެން ފަށައިފި އެވެ.

އެސްޓީއޯ އިން އެތެރެ ކުރި ބިހުގެ ޝިޕްމަންޓް ހުސްވުމާ ކައިރިވުމުން ހޯލް ސޭލް ކުރުން ވަނީ ހުއްޓާލައިފަ އެެވެ. އެއާ އެކު ބިސް ކޭހެއްގެ އަގު 500ރ. އަށް ވުރެ މައްޗަށް އެރި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބިހުގެ ވަރަށް ރަނގަޅު ޝިޕްމަންޓެއް މިހާރު ގެނެސް މިއަދު ކްލެއާ ކުރެވޭނެކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ. އަދި އެއާ އެކު ބިސް ހޯލްސޭލް ކުރުން މިއަދު ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެއާ އެކު 600ރ. އަށް އަރައިގެން ދިޔަ ބިސްކޭހެއްގެ އަގު މިހާރު ވަނީ 400ރ. -200ރ އާ ހަމަޔަށް ތިރިވެފަ އެވެ.

އޮފިޝަލް ވިދާޅުވީ ފިޔާ އަދި އަލުވި ވެސް ހުސްނުވާ ވަރަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި އާ ޝިޕްމަންޓް އައި ނަމަވެސް އެ ބާވަތްތައް ވިއްކާނީ ކުރިން ވެސް ވިއްކި އަގުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެސްޓީއޯ އިން އަލުވި ބަސްތާއެއް 220ރ. އަށް ވިއްކާއިރު، ފިޔާ ބަސްތާއެއް ވިއްކަނީ 250ރ. ގަ އެވެ. އަލުވި ކިލޯއެއްގެ އަގު 10ރ. އަށް މިހާރު ހެޔޮކޮށްފައި ވާއިރު، ފިޔާ ކިލޯއެއް ވިއްކަނީ 12ރ. އަށެވެ. ބިސް ކޭހެއްގެ އަގު މިހާރު ވެސް 270ރ. އަށް ހުރިއިރު، ބިހެއްގެ އަގު އުޅެނީ 1.50ރ. ގަ އެވެ.