ދުނިޔެ

އިތުބާރު ނެތްކަމުގެ ވޯޓުން އިނގިރޭސި ބޮޑު ވަޒީރު ސަލާމަތްވެއްޖެ

Dec 13, 2018

ލަންޑަން (ޑިސެމްބަރު 13) - ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އިނގިރޭސިވިލާތް ވަކިވުމަށް އެކުލަވާލި އެއްބަސްވުމާއި ގުޅިގެން ހިތްހަމަނުޖެހި، އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭގެ އިތުބާރުނެތްކަމަށް ނެގި ވޯޓު އެކަމަނާ ކާމިޔާބުކުރައްވައިފި އެވެ.

މޭގެ ލީޑަޝިޕްއާ ދޭތެރޭ ސުވާލު އުފައްދައި، ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުގެ މެދުގައި ނެގުނު ސިއްރު ވޯޓު، އެކަމަނާ ކާމިޔުބު ކުރެއްވީ 200 ވޯޓާއެކު އެވެ. މޭ އާ ދެކޮޅަށް 117 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

ތަނަވަސް އަގުލަބިއްޔަތަކުން އިތުބާރުއޮތް ކަމަށް ފާސްވި ނަމަވެސް، ވޯޓަށް ފަހު ވާހަކަފުޅު ދައްކަވަމުން މޭ ވިދާޅުވީ، އެކަމަނާ އާއި ދެކޮޅަށް ވޯޓުދިން މެމްބަރުންގެ ކަންބޮޑުވުންތައް ވެސް އަޑުއައްސަވާނެ ކަމަށާއި، އީޔޫއިން ވަކިވާން ރައްޔިތުންގެ ޝުއޫރުތަކާއި އެއް ގޮތަށް އެއްބަސްވުން އެކުލަވާލައްވާނެ ކަމަށެވެ.

މޭ އިސްވެ މިދިޔަ މަހު ހުށަހެޅުއްވި އެއްބަސްވުމަށް އީޔޫ ގައުމުތަކުން ވަނީ ތާއީދުކޮށްފަ އެވެ.

ނަމަވެސް، އެ އެއްބަސްވުމަށް އިނގިރޭސި ޕާލިމަންޓުގައި ހޯމަ ދުވަހު ނެގުމަށް ހަމަޖެއްސި މޭ ވަނީ ފަސްކުރައްވައިފަ އެވެ.

ކުއްލިއަކަށް ވޯޓު ފަސްކުރެއްވީ، އެ ވޯޓު ނާކާމިޔާބުވެދާނެ ކަމުގެ ބިރު ބޮޑުވުމުން ކަމުގައި ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.

އިނގިރޭސި ބޮޑު ވަޒީރު އިސްވެ ހުށަހެޅުއްވި އެއްބަސްވުމަށް އީޔޫއިން ތާއީދުކުރި ނަމަވެސް، އެ އެއްބަސްވުމަށް އަމަލު ކުރެވޭނީ އިނގިރޭސި ޕާލިމަންޓުން ފާސްވުމުންނެވެ.

ދެން އެ އެއްބަސްވުމަށް ވޯޓަށް އަހާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް މޭ ވަނީ އިޝާރާތްކުރައްވައިފަ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލުތަފާތުވެފައިވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމުނުކުރުމަށް ހިމަނާފައިވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.