ހަބަރު

ނަޝީދު ތިން ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފި

Jun 21, 2015
1

ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިން ދުވަހުގެ މުއްދަތަށް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

މިއަދު ހެނދުނު އޭޑީކޭއަށް ޑޮކްޓަރަށް ދެއްކުމަށް ގެނައުމަށް ފަހު، ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނު ގޭގައި ބަހައްޓަން ފެންނަ ކަމަށް ބުނުމުން ޑީޕީއާރުއެސް އިން އެމަނިކުފާނު ގެއަށް ބަދަލުކުރީ މިއަދު ހަވީރުގެ ވަގުތުގަ އެވެ. އަދި ގެއަށް ބަދަލު ކުރީ ތިން ދުވަހުގެ މުއްދަތަށް ކަމަށް އެނގިފައިވެ އެވެ.

ޑީޕީއާރުއެސް އިން ނަޝީދު ގެނެސްފައި ވަނީ އަނބިކަބަލުންނާއި ދަރިން ދިރިއުޅުއްވާ، މ. ޔާގޫތުގެއަށެވެ. އެ ވަގުތު ވެސް އެމަނިކުފާނު ހުންނެވީ ހިނިތުންވެފަ އެވެ. ގެއަށް އައުމާ އެކު އާއިލާގެ ބޭފުޅުންނާއި އެހެންވެސް ގާތްބޭފުޅުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފަ އެވެ.

އޭޑީކޭއަށް އެމަނިކުފާނު ގެނެސްފައި ވަނީ އެމްއާރު އައި ސްކޭނެއް ހެދުމަށެވެ. ނަމަވެސް މިއަދު އެ ސްކޭން ނުހެދޭތީ އެމަނިކުފާނު ވަނީ މާލޭ ޖަލަށް ގެންގޮސްފަ އެވެ. އެމަނިކުފާނު ގެއަށް ދޫކޮށްލީ މާލޭ ޖަލުގައި އިރުގަނޑަކު ބެހެއްޓުމަށް ފަހު އެވެ. ނަޝީދުގެ ބުރަކަށީގައި ރިއްސާތީ އެމްއާރުއައި ސްކޭނެއް ހެދުމަށް ޑޮކްޓަރު އެންގި ކަމަށް އެ އާއިލާއިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެ ފުރުސަތު ނުދިން ކަމަށް ބުނެ އާއިލާ އާއި ލޯޔަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޖަލުހުކުމުން ލުއިކޮށްދެއްވުމަށް އެދި ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ރައީސްއަށް ދަންނަވަމުންނެވެ. ނަމަވެސް ރައީސް ވިދާޅުވަމުން ގެންދަވަނީ ހުކުމް ލުއިކުރެވޭނީ އިސްތިއުނާފު ނިމުމުންކަމަށެވެ. ނަޝީދުގެ ވަކީލުން އެކި އުޒުރުތައް ދައްކަވާ ވިދާޅުވަނީ މައްސަލަ އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅައި ގޮސްފައި ވާތީ އިސްތިއުނާފު ކުރެވޭނެ ގާނޫނީ ހުއްޖަތެއް މިހާރު ނެތް ކަމަށެވެ.