ހަބަރު

އުރީދޫ މަސް ރޭސް ވަރަށް ފޯރިގަދަ، މި ފަހަރު ސޯޅަ ކުންފުނި

Jun 21, 2015

ރޯދަ މަހު ބާއްވާ އެންމެ ފޯރިގަދަ އެއް މުބާރާތަކީ ހަމަ ގައިމުވެސް އުރީދޫ މަސް ރޭހަށް ވާނެ އެވެ. މި އަހަރުގެ މި މުބާރާތް ވެސް މި ވަނީ ފަށާފަ އެވެ.

އުރީދޫން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ބާއްވަމުން އަންނަ މި މުބާރާތުގައި މި އަހަރު ބައިވެރިވެފައިވަނީ ކުންފުނިތަކެވެ. މި އަހަރުގެ މުބާރާތުގައި ސޯޅަ ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. ބައިވެރިވެފައިވާ ބައެއް ކުންފުނިތަކުގެ ތެރޭގައި

މިދިޔަ އަހަރުގެ ޗެމްޕިއަން ސްޓެލްކޯ

އެސްޓީއޯ

އެމްޓީސީސީ

ޔުނިވާސަލް އެންޓްޕްރައިސަސް

މީޑިޔާނެޓު

އެންސިސް ފިޝަރީޒް

ކޯސްޓް ލައިން

އާސަންދަ

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫގެ މަގުސަދަކީ ކުޅިވަރު މެދުވެރިކޮށް އެކަކު އަނެކަކާ މެދު އޮންނަ ގުޅުން ބަދަހި ކުރުން ކަމަށެވެ.

"އުރީދޫއިން ގަބޫލުކުރާގޮތުގައި ކުޅިވަރު މެދުވެރިކޮށް މުޖުތަމައުގެ ތެރޭގައި އެކަކުއަނެކަކާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އިންސާނުންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެވޭނެ. މަސްވެރިކަމަކީ ދިވެހިރާއްޖޭގެ ލޭނާރު ކަމަށްވުމާއެކު، ކޮންމެ އަހަރަކު އުރީދޫ މަސްރޭސް ބާއްވައި، އެ މުބާރާތް މެދުވެރިކޮށް ދިވެހި ޒުވާނުންގެ މެދުގައި މަސްވެރިކަމަށް އޮތް ޝައުގުވެރިކަމާއި ޖޯޝް އާލާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް،" ވިކްރަމް ވިދާޅުވި އެވެ.

މި އަހަރުގެ މަސް ރޭހަށް ހާއްސަ އިނާމުތަކެއް އެލިޔާއިން ހުޅަހަޅާފައިވެ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލަކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އެލިއާ އިންވެސްޓްމަންޓްސްގެ ފަރާތުން ހުށަހަޅާފައިވާ 60 ހޯސް ޕަވަރުގެ ފޯ ސްޓްރޯކް އައުޓްބޯޑް އިންޖީނެކެވެ. 

މުބާރާތުގެ އެންމެ ގިނަ މަސްބާނާ "މަސްވެރިޔާއަށް" އުރީދޫން 5،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، އެލިޔާ އިންވެސްޓްމަންޓުގެ ފަރާތުން ތިން ހޯސްޕަވަރުގެ ޓޫ ސްޓްރޯކް އައުޓްބޯޑް އިންޖީނެއް ހުށަހަޅާފައިވެ އެވެ. އަދި އެންމެ ބޮޑު މަސް ބާނާ މީހަކަށް އުރީދޫން 5،000ރ. ގެ އިނާމެއް ހުށަަހަޅާފައިވެ އެވެ. އަދި އެލިޔާއިން މި ވަނައަށް އިނާމުގެ ގޮތުގައި ތިނެއް ހޯސްޕަވަރުގެ ޓޫ ސްޓްރޯކްގެ އައުޓޯޑް އިންޖީނެއް ދެ އެވެ. މީގެ އިތުރުން ކޮންމެ ހަފުތާއަކު މޮޅުވާ ޓީމަކަށް 3،000ރ. ދެ އެވެ.

އެލިޔާގެ އެމްޑީ އަލާއު އަލީ ވިދާޅުވީ މަސް ރޭސްފަދަ ދިވެހިންނާ ގުޅިފައިވާ ޕްރޮގްރާމެއް އުރީދޫއާ ގުޅިގެން ހިންގުމަކީ ހާއްސަ ކަމެއް ކަމަށެވެ.

 

"މި އަހަރަކީ އެލިއާއަށާއި އަދި ޔަމަހާއަށް ވަރަށް ހާއްސަ އަހަރެއް. މިއަހަރު އެލިއާއަށް 50 އަހަރު ފުރުން ފާހަގަ ކުރެވެމުން ދާއިރު މިވަނީ، ދިވެހި ރާއްޖޭގައި ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް އިންޖީނު ތައާރަފު ކުރެވުނުތާވެސް 40 އަހަރު ފުރިހަމަވެފައި. މިފަދަ މުނާސަބަތެއްގައި، އުރީދޫ މަސްރޭސްފަދަ ދިވެހިންނާއި ގުޅިފައިވާ ޕްރޮގްރާމެއްގައި އުރީދޫއާއި ގުޅިގެން ކުރިއަށް ދިއުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް. އަދި މިފުރުސަތުގައި ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ މަސްވެރިން ޔަމަހާއަށްދެއްވި، އިތުބާރާއި އެއްބާރުލުމަށް ޝުކުރު އަދާކުރަން، ކުރިއަތް އޮތްތަނުގައިވެސް އެލިއާގެ ފަރާތުން ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން،" އަލާއު ވިދާޅުވި އެވެ.

އުރީދޫ މަސް ރޭސް މި އަހަރު ދައްކަނީ ޓީވީއެމްއިންނެވެ. މި އަހަރުގެ މަސް ރޭސް ދައްކާނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ 12.30 ގަ އެވެ.