ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހަށް ހާޒިރު ކުރާތީ، މުޒާހަރާތައް ފަށައިފި އެވެ. ޕީޕީއެމްއިން މިރޭ ވަނީ އެ ޕާޓީ އޮފީސް ދޮރުމަތީ އަޑުއުފުލާފަ އެވެ.
ޕީޕީއެމްއިން މިފަދަ މުޒާހަރާތަކެއް މީގެކުރިން ވެސް ކޮށްފައިވެ އެވެ. އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔައީ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ. މުޒާހަރާތައް ފެއްޓެވީ ވެސް ރައީސް ޔާމީނެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު އެ މުޒާހަރާތައް ހުއްޓުނެވެ. މިރޭ އަނެއްކާ ވެސް ވަނީ ޕީޕީއެމް އޮފީސް ދޮރު މައްޗަށް އެއްވެ މުޒާހަރާކޮށްފަ އެވެ.
ޕީޕީއެމްގެ ބައެއް ސަޕޯޓަރުން އެ ސަރަހައްދަށް އެއްވިއިރު، ބައެއް ބޭފުޅުން ވަނީ ވާހަކަ ވެސް ދައްކަވާފަ އެވެ. އެގޮތުން ޕީޕީއެމްއިން އަންނަ މަޖިލިސް އިންތިހާބަށް ޓިކެޓް ދީފައިވާ ބައެއް ބޭފުޅުން މިރޭ އަޑު އުފުލާފައިވެ އެވެ. އެގޮތުން ޕާޓީގެ ނައިބު ރައީސް އަބްދުލްރަހީމްގެ ދަރިކަލުން ފައިސަލާއި ނޫސްވެރިޔާ ލަޔާލް މަނިކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި މާދަމާ ރައީސް ޔާމީން ފުލުހަށް ހާޒިރުވެވަޑައިގަންނަވާ ވަގުތު އެ ސަރަހައްދަށް ވީހާވެސް ގިނަ ސަޕޯޓަރުން ދިޔުމަށް ގޮވާލާފައިވެ އެވެ. މާދަމާ ރައީސް ޔާމީން ފުލުހަށް ވަޑައިގަންނަވާނީ ޕީޕީއެމް އޮފީހުން ހިންގަވާފަ އެވެ.
އެމަނިކުފާނު ފުލުހަށް ހާޒިރު ކުރަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށެވެ.